07 Sep 2014, 09:46
ނިއުޕޯޓް (ސެޕްޓެމްބަރ 7) : އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތް ފުނޑުފުނޑު ކޮށްލުމަށް ޓަކައި އެ ޖަމާއަތުގެ އިސް ލީޑަރުންނަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ، މަރުގެ އިންޒާރު ދެއްވައިފި އެވެ.
އޮބާމާ ވިދާޅުވީ އަލްގާއިދާ ވެސް ބަލިކަށި ކޮށްލެވުނީ އެ ޖަމާއަތުގެ އިސް ލީޑަރު އުސާމާ ބިންލާދިން މަރާލެވުމުން ކަމަށާއި އައިއެސް ޖަމާއަތް ފުނޑުފުނޑުކޮށްލުމަށް ވެސް ބޭނުން ވަނީ އެޖަމާއަތުގެ އިސް ލީޑަރުންގެ ދުވަސް ދުއްވާލުން ކަމުގަ އެވެ. އިނގިރޭސިވިލާތުގެ ވޭލްޒްގެ ނިއުޕޯޓްގައި ބޭއްވި ނޭޓޯގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމަށް ފަހު ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ އައި އެސް ޖަމާއަތުގެ އިސް ލީޑަރުންގެ ދުވަސް ދުއްވާލުމުގެ ވަރަށް ފުރިހަމަ ޕްލޭނެއް އެމެރިކާ ރާވަމުން ގެންދާ ކަމަށާއި ވަރަށް އަވަހަށް އެ ޕްލޭން ތަންފީޒު ކުރަން ފަށާނެ ކަމުގަ އެވެ. ނަމަވެސް އައިއެސްގެ ލީޑަރުން މަރާލާނީ ޑްރޯން ބޭނުންކޮށްގެން ދުރުގައި ތިބެގެންކަން ނޫނީ ޖާސޫސުން ފޮނުވައިގެން ވިހަފަދަ އެއްޗެއް ދީގެންކަން މިފަދަ އެއްވެސް ތަފްސީލެއް އޮބާމާ ދެއްވާފައެއް ނުވެ އެވެ.
އޮބާމާ ވިދާޅުވީ އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިން މަރާލެވުމަށް ފަހު އަލްގާއިދާ ވެސް ވަރަށް ބޮޑަށް ބަލިކަށިވެގެން ދިޔަ ކަމަށާއި އައިއެސްގެ ލީޑަރުން މަރާލެވުމުން އެޖަމާއަތް ވެސް ބަލިކަށިވާނެ ކަމުގަ އެވެ. އައިއެސް އަކީ އަލްގާއިދާގެ ތެރެއިން އުފެދިފައިވާ ނަމަވެސް މިހާރު އަލްގާއިދާއާ ވަރަށް އިދިކޮޅު އަދި އަލްގާއިދާއާ ވާދަވެރި ޖަމާއަތެކެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އަލްގާއިދާއާ ގުޅިފައިވާ ސޮލާމިޔާގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައްޝަބާބު މޫމެންޓްގެ ލީޑަރު އަޙްމަދު ޖަވްދާން މަރާލިކަން އެމެރިކާ އިޢްލާން ކޮށްފައިވަނިކޮށެވެ. މީގެ ތިން ދުވަސްކުރިން އެމެރިކާގެ ޑްރޯން މަތިންދާ ބޯޓަކުން ސޮމާލިޔާ އަށް ދިން ވައިގެ ވަރުގަދަ ޙަމަލާތަކެއްގައި އަޙްމަދު ޖަވްދާން މަރުވެފައިވާކަން އައްޝަބާބް މޫމެންޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަލްގާއިދާ ފަދަ ޖަމާއަތްތަކުގެ ލީޑަރުންނަކީ ކުށެއް ނެތް މީހުން މެރުމާއި ބޮންގޮއްވުން ފަދަ ޓެރަރިސްޓް އަމަލުތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ބައެއް ނަމަވެސް ޝަރީއަތަކާނުލައި އަދި ޚާއްސަކޮށް އެމީހުން މެރުމުގެ ނިޔަތުގައި ހަމަލާދީގެން އެމީހުން މެރުމަކީ ހަނގުރާމައިގެ ޖަރީމާއަށް ވާނެކަމެއް ކަމަށާ މިއީ އޮބާމާފަދަ އެމެރިކާގެ ހަރުކަށިވެރިން ވެސް ބައިނަލްއަގްވާމީ ކޯޓަށް ގެންދަންޖެހޭ ފަދަ ނުރައްކާތެރި މައްސަލައެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެ އެވެ.
އައިއެސް އާ ދެކޮޅަށް އެމެރިކާ ތެދުވާން ފަށާފައި މިވަނީ އެ ޖަމާއަތުން އެމެރިކާގެ ދެ ނޫސްވެރިއަކު ކަތިލާލައި މަރާލުމާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)