07 Sep 2014, 09:42
މޮރޮކޯގައި 2015 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ކޮލިފައިންގައި ގުރޫޕް ޖީގައި، މުބާރާތް ހަތްފަހަރު ކާމިޔާބު ކޮށްފައިވާ މިސްރާ ވާދަކޮށް ސެނެގާލް މޮޅުވެއްޖެ އެވެ.
ހަމަނުޖެހުން ތަކެއްގެ ސަބަބުން 2012 ވަނަ އަހަރުން ފެށިގެން އަމިއްލަދަނޑުގައި މެޗުތައް ކުޅުން މަނާކޮށްފައިވާ ސެނެގާލް ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިސްރުގެ މައްޗަށް ކުރި ހޯދައިފައިވަނީ 2-0 ލަނޑުންނެވެ.
ސެނެގާލްގެ ޑަކަރްގެ ލިއޮޕޯލްޑް ސެގްހޯރް ސްޓޭޑިއަމްގައި އެތަކެއް ހާސް ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުން ޖަހައިފައި ވަނީ މެޗުގެ 17 ވަނަ މިނިޓްގައި މިސްރުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން ސްޓޯކްސިޓީގެ ފޯވާޑް މަމޭބިރަމް ޑިއޫފްއެވެ.
ފުރަތަމަހާފް ނިމުމުގެ ކުރިން މެޗުގެ ނަތީޖާ 2-0 ބަދަލުކޮއްލީ ސެނެގާލް އަށް ލިބުނު ކޯނަރަކުން މިސްރުގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށް ސެނެގާލްގެ ސަޑިއޯ މޭނެވެ.
މި ގުރޫޕްގައި ދެން ސެނެގާލް ވާދަކުރަނީ ބޮޓްސްވާނާއާ އެވެ. މިސްރު ނުކުންނާނީ ޓިއުނޭޝިޔާ ދެކޮޅަށެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެންޕިއަންސް އަކީ ނައިޖީރިޔާ އެވެ.