ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބް ޗެލްސީން އިޓަލީގެ އޭސީ މިލާން އާ ގުޅުނު ސްޕެއިން ފޯވަޑް ފެނާންޑޯ ޓޮރޭސްގެ ފަރާތުން މޮޅު ކަންތައްތަކެއް ފެންނާނެ ކަމަށް މިލާންގެ ސީއީއޯ އެޑްރިއާނޯ ގަލިއާނީ ވިދާޅުވެއްޖެ އެވެ.

ގަލިއާނީ ވިދާޅުވީ، މިލާން ގެ ރައީސް ވެސް ޓޮރޭސް އާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، "ސެންސީރޯ" ގައި ޓޮރޭސް އަށް ކާމިޔާބު ލިބި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.

" ފެނާންޑޯ އަކީ ގަދަ މީހެއް. އޭނައަށް ލިބިފައިވާ ހުނަރާ އެއް ފެންވަރަކަށް ދަނޑު މަތީގައި ކުޅެވޭނަމަ އަހަރެމެންނަށް އޭނާގެ ފަރާތުން މޮޅެތި ކަންތައްތަކެއް ފެންނާނެ." ގަލިއާނީ ވިދާޅުވި އެވެ.

ލިވަޕޫލުން 2011 ވަނަ އަހަރު އެއިރުގެ ރެކޯޑް އަގެއްގައި ޗެލްސީއަށް ބަދަލުވި ޓޮރޭސް އަށް ވަނީ ޗެލްސީ ޖާޒީގައި އެދެވޭ ކުޅުމެއް ނުދެއްކިފައެވެ. ޗެލްސީގައި އޭނަ ހޭދަކުރި ތިން ސީޒަންގައި، ލީގުގައި 110 މެޗް ކުޅެ ކާމިޔާބުކުރެވިފައިވަނީ 20 ގޯލެވެ.

ޓްރާންސްފާ ބާޒާރުގެ އެއްމެ ފަހު ވަގުތުގައި މިލާނުން ވަނީ ޓޮރޭސްގެ އިތުރުން މާކޯ ވެން ގިންކެލް އާއި ގިއަކޮމޯ ބޮނެވަންޓޫރާ ގެ ސޮއި އަތުލާފައެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުރެވުނު ވިޔަފާރިއާ މެދު ހިތްހަމަޖެހޭކަމަށާއި މި ސީޒަންގައި މިލާންގެ ފަރާތުން ކުރިއެރުން ތަކެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ގަލިއާނީ ވިދާޅުވި އެވެ.

" އަހަރެން ބުނާނީ މިލާނުން އެއްމެ ފަހުދުވަހު ވަރަށްވެސް ރަނގަޅަށް ސޮކޮޑް ވަރުގަދަކޮށްފައިވޭ. އެކަމަކުވެސް މި ސީޒަންގައި އަހަރެމެންގެ އަމާޒުތަކާ ބެހޭގޮތުން ވާހަކަދައްކަން ބޭނުމެއްނޫން،" ގަލިއާނީ ވިދާޅުވި އެވެ.

މިލާނުން މި ސީޒަންގެ އިޓާލިއަން ލީގު ފެށީ އަމިއްލަ ދަނޑުގައި ލާޒިއޯގެ މައްޗަށް 3-1 ން ކުރި ހޯދައިގެންނެވެ.