މެންޗެސްޓާ ޔުނައިޓެޑްގެ ޓޮމް ކްލެވަލީއަކީ އެސްޓަން ވިލާއަށް ރަނގަޅު ކުޅުތެރިއެއް ކަމަށް އެޓީމުގެ މިޑްފީލްޑަރު އެޝްލީ ވެސްޓްވުޑް ބުނެފި އެވެ.

ޓްރާންސްފާ މިހާރު ފުރިހަމަ ވެފައިވާއިރު އެސްޓަން ވިލާގެ މިޑްފީލްޑަށް ކްލެވަލީ ގުޅުމާއި އެކު ޓީމް ވަރުގަދަ ވާނެ ކަމަށާއި ކްލެވަލީއަކީ ރަނގަޅު ކުޅުންތެރިއެއް ކަމަށް ވެސްޓްވުޑް ވަނީ ބުނެފައެވެ.

"ކްލަބަށް ރަނގަޅު ގޮތް ވާން އެބައޮތް ކަމަށް އަހަރެން ގަބޫލުކުރަން. ޓޮމް ޓީމަށް ގުޅުމުން އަހަރެމެންގެ ޓީމު ވަރުގަދަ ވާނެ. އޭނާ އަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. މި ހަފްތާގައި އަހަރެން އޭނާއާ ބައްދަލު ކުރިން. އެންމެ ފުރަތަމަވެސް އެނގޭ އޭނާއަކީ ވަރުގަދަ ކުޅުންތެރިއެއް ކަން،" ވެސްޓްވުޑް ބުންޏެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި ތިން މެޗު ކުޅެ އެސްޓަން ވިލާ ވަނީ ހަތް ޕޮއިންޓް ހޯދާފައެވެ. ހަލް ސިޓީ އަދި ސްޓޯކް ސިޓީ އާއި ދެކޮޅަށް ކުޅެފައިވާ މެޗުން ވިލާ މޮޅުވެފައިވާއިރު ނިއުކާސަލްއާ ދެކޮޅަށް ކުޅުން މެޗުން ވަނީ ދެޓީމު އެއްވަރު ވެފައެވެ.

ޓޮމް ކްލެވަލީ މެންޗެސްޓާ ޔުނައިޓެޑަށް ގުޅުނީ އުމުރުން އެންމެ 12 އަހަރުގައެވެ. 2007 އިން 2009 އަށް ޔުނައިޓެޑްގެ ބެންޗުގައި ހޭދަކޮށްފައި ވާއިރު ކުޅެން އަރުވާފައިވަނީ އެކުވެރި ކަމުގެ މެޗުތަކުގައެވެ.

ލެސްޓާ ސިޓީން ކްލެވަލީ 2009ގައި ލޯނަކަށް ގެންދިޔުމާއެކު ފުރަތަމަ ލީގު މެޗަކުން އޭނާ ފެނިގެން ދިޔައެވެ. މިހާތަނަށް 33 ލީގު މެޗު ކުޅެފައިވާ ކްލެވަލީ ވަނީ 11 ގޯލު ޖަހާފައެވެ.