07 Sep 2014, 09:12
ބަޣްދާދު (ސެޕްޓެމްބަރު 7) : އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން އުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތް ނައްތާލުމަށް އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބާރުތައް އިސްވެ އޮވެގެން އެކުލަވާލުމަށް މަސައްކަތްކުރާ އިއްތިޙާދަށް އިރާގުން މަރްހަބާ ކިޔައިފި އެވެ.
އިރާގުގެ ޚާރިޖީ ވަޒީރު ހޫޝިޔާރު ޒީބާރީ ވިދާޅުވީ ނޭޓޯ އިސްވެ އޮވެގެން އައިއެސް އާ ދެކޮޅަށް އެކުލަވާލާ ބައިނަލްއަގްވާމީ އިއްތިޙާދަކީ އައިއެސްގެ އަނިޔާވެރިކަމާ ދެކޮޅަށް އިރާގު ކުރަމުންގެންދާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ހިއްވަރެއް ކަމަށާއި މިއިއްތިޙާދަށް އިރާގުން ހޫނު މަރްހަބާއެއް ކިޔާކަމުގަ އެވެ. އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުވިލާތުން އިސްދައުރެއް އަދާކުރާ މިއިއްތިޙާދުގައި ދުނިޔޭގެ ނުވަގައުމެއް ބައިވާ އިރު މީގެ ތެރޭގައި އެމެރިކާގެ ވަށައިގެން އެނބުރޭ ބައެއް އަރަބި ގައުމުތައް ވެސް ހިމެނޭ ކަމަށް އެމެރިކާ ބުނެ އެވެ.
ގަލްފުގެ ސަރަހައްދުގައިވާ އަސްކަރީ އެންމެ ބޮޑު ބާރުކަމަށްވާ މުޅިން އަމިއްލަ މިނިވަން ސިޔާސަތެއް ގެންގުޅޭ އީރާން މިއިއްތިޙާދުގައި ބައިވެރިނުކުރާނެ ކަމަށް އެމެރިކާ ވަނީ ބުނެފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ އީރާނަކީ އެމެރިކާ އަށް އިތުބާރު ނުކުރެވޭ ގައުމެއް ކަމަށްވެފައި އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ޖާސޫސީ ގޮތުންނާއި އަސްކަރީ ގޮތުން ވަރަށް އިތުބާރު އޮތް ގައުމުތަކަކަށް ނޫނީ ކުރެވޭނެ ހަނގުރާމައަކަށް ވާތީ އައިއެސް އާ އިދިކޮޅު އިއްތިޙާދުގައި އީރާން ބައިވެރި ނުކުރެވޭނެ ކަމުގަ އެވެ.
އީރާނުގެ އިތުރުން އީރާނުގެ ބައިވެރިއެއް ކަމަށްވާ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވެސް މިއިއްތިޙާދުގައި ބައިވެރިނުކުރާނެ ކަމަށް އެމެރިކާ ބުނެ އެވެ. ބައްޝާރުގެ ސަރުކާރު ފަސޭހައިން ވައްޓާލެވިދާނެ ކަމަށް ހީކޮށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދީގެން އެގައުމުގައި ދާޚިލީ ހަނގުރާމަ ފެއްޓުވުމުގައި އިސް ދައުރެއް އަދާކޮށްފައި ވަނީ އެމެރިކާ އާއި ގަތަރާއި ސައޫދީ އަރަބިޔާއާއި ޔޫއޭއީ އެވެ.
ނަމަވެސް އެމެރިކާއަށް ބަރޯސާވާ ގައުމެއް ކަމަށްވާ އުރުދުން އިން ވަނީ އައިއެސް އާ އިދިކޮޅު އިއްތިޙާދުގައި ފާޅުގައި ވެސް ސިއްރިޔާތުގައި ވެސް ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. އުރުދުންގެ ބޮޑުވަޒީރު އަބްދުﷲ އައްނަސޫރު ވިދާޅުވީ އައިއެސް އަކީ އަރަބި އެހެން ގައުމުތަކެކޭ އެއްގޮތަށް އުރުދުން އަށްވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި ނަމަވެސް އައިއެސްގެ ސީދާ ހަމަލާއެއް އުރުދުންއަށް އަމާޒުނުވާހާ ހިނދަކު އެޖަމާއަތާ ދެކޮޅަށް ބަޔަކު އެކުލަވާލާ އިއްތިޙާދެއްގައި އުރުދުން ބައިވެރިނުވާނެ ކަމުގަ އެވެ. އަދި ބައެއްގެ މަސްހަލަތު ހިމާޔަތް ކުރުމަށްޓަކައި ކުރާ ހަނގުރާމައެއްގައި އުރުދުން ބައިވެރިވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށްވެސް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
އެމެރިކާގެ އިސްދައުރެއް އަދާކުރާ މިއިއްތިޙާދުގައި ސީދާގޮތެއްގައި ބައިވެރިވުމަށް ތުރުކީ ވެސް ފަސްޖެހޭ ކަމަށް ރިޕޯޓްތައް ބުނޭ. އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޙަމަލާތައް ދޭންޖެހޭނީ ތުރުކީގެ އަވަށްޓެރި އިސްލާމީ ދެގައުމު ކަމަށްވާ އިރާގާއި ސޫރިޔާއަށް ކަމަށްވެފައި މިފަދަ ހަމަލާތަކުގައި އައިއެސް ޖަމާއަތުގެ އަނިޔާވެރި އަމަލުތަކާ ގުޅުންނެތް އެދެގައުމުގެ ކުށެއްނެތް އާންމުންވެސް މަރުވުމުގެ ފުރްސަތު ބޮޑުކަމުން މިއިއްތިޙާދުގައި ސީދާ ގޮތެއްގައި ތުރުކީ ބައިވެރި ނުވާނެ ކަމަށްވަނީ ބެލެވިފަ އެވެ. ނަމަވެސް އައިއެސްގެ ނުރައްކާ ތުރުކީއަށް ވެސް އޮވެފައި އައިއެސްއިން އިރާގާއި ސޫރިޔާގެ އާންމުންނާ ދެކޮޅަށް ބޮޑެތި ގަތްލުއާންމުތަކެއް ހިންގަމުން ގެންދާތީ އެޖަމާއަތް ނައްތާލުމަށް ހުޅަނގުން އެކުލަވާލާ އިއްތިޙާދުގައި ނުސީދާ ގޮތެއްގައި ތުރުކީ ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ތުރުކީގެ އައު ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ދެއްވާފައިވާ ކަމަށް ޚަބަރުތައްބުނެ އެވެ.
އަރަބި ގައުމުތަކަށްބަލާ އިރު އެމެރިކާގެ ވަށައިގެން އެނބުރޭ ސިޔާސަތުތަކެއް ގެންގުޅޭ އަރަބި ހަތަރު ގައުމު ކަމަށްވާ އިރާގާއި މިސްރާއި ސައޫދީ އަރަބިޔާއާއި ޔޫއޭއީ ފިޔަވައި އެހެން އަރަބި ގައުމެއް އައިއެސްއާ އިދިކޮޅު އިއްތިޙާދުގައި ބައިވެރިވުމުގެ ފުރްސަތު ކުޑަކަމަށް މުރާސިލުން ބުނެ އެވެ. މި ހަތަރު ގައުމުގެ ތެރޭން ވެސް އިރާގު ފިޔަވައި އެހެން ގައުމަކުން މިއިއްތިޙާދުގައި ބައިވެރިވުމާ ބެހޭ ގޮތުން ސީދާ ގޮތެއްގައި އަދި ބަޔާނެއް ދީފައެއްނުވެ އެވެ. އައިއެސް އަކީ އަލްގާއިދާއަށް ވުރެ ވެސް ބާރުގަދަ އަދި ހަރުކަށި ޖަމާއަތަކަށްވެފައި އެޖަމާއަތް އުފެދިފައި ވަނީ ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްގައި ކަމަށްވެފައި އިރާގާއި ސޫރިޔާގައި އަނިޔާލިބިފައިތިބި ގިނަ އަދަދެއްގެ ނޫކަށިފުރާގެ ޒުވާނުން އެޖަމާއަތާ ގުޅެމުންދާތީ ނޭޓޯ ފަދަ ހުޅަނގުގެ މުސްކުޅި ޖަމާއަތަކަށް އައިއެސް ބަލިކޮށްލެވިދާނެ ކަމާމެދު އަސްކަރީ ތަޖްރިބާކާރުން ސުވާލު އުފައްދަ އެވެ.
ހުޅަނގުގެ ޖާސޫސީ މަސްއޫލުވެރިން ވިދާޅުވަނީ ވައިގެ މަގުން ޙަމަލާތައްދީގެން އައިއެސް ބަލިނުކުރެވޭނެ ކަމަށާއި އެ ޖަމާއަތާ ދެކޮޅަށް ޚަރަދުބޮޑު ބިންމަތީ ހަނގުރާމައެއް ކުރަންޖެހޭނެ ކަމަށާއި މިހަނގުރާމައިގާ ނޭޓޯގެ އެތައް ހާސް ސިފައިން މަރުވެ ފަނާވުމުގެ ފުރްސަތު އޮތް ކަމުގައެވެ. އެހެންކަމުން މިހާ ޚަރަދުބޮޑު އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ނޭޓޯ ފަދަ ހުޅަނގުގެ މުސްކުޅި ޖަމާއަތަކަށް ކުރެވިދާނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އިރާގުގެ ގިނަ ބޭންކްތަކެއް ލޫޓުވާލުމުގެ ސަބަބުން އައިއެސް އަށް އެތައް ބިލިޔަން ޑޮލަރެއް ލިބިފައިވާ އިރު އެ ޖަމާއަތުން ވަނީ އިރާގާއި ސޫރިޔާ ސިފައިންގެ ގިނަ އަދަދެއްގެ ހަތިޔާރު ގުދަންތައް ހިފައި ޒަމާނީ ބަރުހަތިޔާރު ވެސް ހޯދާފަ އެވެ. ނަމަވެސް މިފަހަކަށް އައިސް ކުރި ހަނގުރާމަތަކުގައި އިރާގުގެ ކުރުދީންގެ އަތްދަށުން އައިއެސްގެ ހަނގުރާމަވެރިން ވަނީ ބަލިވެ ފަހަތަށް ޖެހިފަ އެވެ. (އަލްޖަޒީރާ)