07 Sep 2014, 09:02
ބްރެޒިލަށް އުފަން 25 އަހަރުގެ ހުނަރުވެރި ފޯވާޑް ޑިއޭގޯ ކޮސްޓާއަށް ސްޕެއިން ޖާޒީގައި އެދެވޭ ކުޅުމެއް އަދިވެސް ދެއްކޭ ވަރެއް ނުވެއެވެ.
ސްޕެއިން ގެ ގައުމީ ޓިމަށް މިހާތަނަށް ފަސް މެޗް ކުޅެދީފައިވާއިރު އެއްވެސް މެޗެއްގައި ކޮސްޓާއަށް ގޯލެއް ޖެހިފައެއް ނެތެވެ. ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޮސްޓާ ފަދަ ވޯލްޑް ކްލާސް ކުޅުންތެރިޔަކަށް ދަނޑުމަތީގައި 400 މިނިޓު ގޯލެއް ނުޖެހި ދިއުމަކީ ބޮޑު ކަމެކެވެ.
މިހާރު އިނގިރޭސި ކްލަބް ޗެލްސީއަށް ކުޅެމުން އަންނަ ކޮސްޓާ އެއްމެ ފުރަތަމަ ސްޕެއިންގެ ޤައުމީ ޓީމަށް މެޗެއް ކުޅުނީ މާޗް މަހު ރަހުމަތްތެރިކަމުގެ މެޗެއްގައި އިޓަލީ އާ ދެކޮޅަށެވެ. ނަމަވެސް ސްޕެއިން ގެ 'ޓިކިޓަކަ' ސްޓައިލަށް ނުހޭނޭތީ ކޮސްޓާއަށް އަދިވެސް ގޯލެއްގެ މިންވަރުވިޔަސް ކާމިޔާބުވެފައި ނުވާތީ ސްޕެއިން ސަޕޯޓަރުންގެ އިތުރުން ކޯޗު ޑެލް ބޮޝްކޭ ވެސް ހުރީ ކަންބޮޑުވެފައެވެ.
" އަހަރެމެންނަށް ހީވޭ ކޮސްޓާއަށް މަޑުމަޑުން ސްޕެއިން ގެ ވައްޓަފާޅި އެބަ އިނގޭހެން. އެއްފަހަރު ނަމަވެސް އޭނައަށް މޮޅަށް ކުޅެވެން ފެށިއްޖެނަމަ އަހަރެންނަށް ޔަޤީން އޭނާ މި ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދޭނެކަން،" ވޯލްޑް ކަޕްގެ ކުރިން މީޑިއާގައި ޑެލް ބޮޝްކޭ ބުނެފައިވެ އެވެ.
ކޯޗުގެ ވާހަކަ މިގޮތަށް ހުރި ނަމަވެސް ކޮސްޓާއަށް ބްރެޒިލް 2014ގައި ވެސް އޭނާގެ ފެންވަރާ ކައިރިކުރާ ވަރަކަށްވެސް ކުޅެވިފައެއް ނެތެވެ. މުޅި މުބާރާތުގައި ވެސް ޓީމަށް ކޮށްދިންހާވެސް ކަމަކީ ފުރަތަމަ މެޗުގައި ޕެނެލްޓީއެއް ހޯދަ ދިނުމެވެ. ގިނަބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީވެސް ޑައިވެ އެކެވެ.
ސްޕެއިންގެ "ހައި ޕޮސެޝަން ގޭމް"ގެ ސަބަބުން ކޮސްޓާއަށް ޗެލްސީން އޭނައަށް ލިބޭ ސްޕޭސް ގައުމީ ޓީމުގައި ނުލިބެއެވެ. ސްޕެއިންގެ މެދު ތެރެއާއި ކޮސްޓާ އާ އެއްވެސް ކަހަލަ ގުޅުމެއް ނޯންނަކަމީ މީގެ ހެއްކެކެވެ.
" ވަރަށް ބޭނުން ގައުމީ ޓީމައް ގޯލްތައް ކާމިޔާބު ކުރަން. އަހަރެމެންގެ ގޭމަކީ ވީހާވެސް ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުން. އަހަރެން އަދިވެސް ޖެހެނީ އެ ކުޅުމަށް ހޭނެން،" ފްރާންސް މެޗައްފަހު މީޑިއާ އާ ވާހަކަ ދައްކަމުން ކޮސްޓާ ބުންނެވެ.
ކުރިއަށް އޮތް ޔޫރޯ ކޮލިފަޔާސް އަކީ ކޮސްޓާއަށް އޮތް ރަނުގެ ފުރުސަތެކެވެ. ޑިއޭގޯ ސިމިއޯނީ އާއި މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭއިރު އެފެންނަ ހުނަރުވެރި ކޮސްޓާ ސްޕެއިން ޓީމުން ފެންނަން އެޓީމުގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.