މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑު މާރިއޯ ބަލޮޓެލީ ދެވަނަ ފަހަރަށް ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފަހަތުގައި ހުރީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ، ޖެމެއިކާގެ އުސައިން ބޯލްޓް ކަމަށް އޭނާ ބުނެފި އެވެ.

ބަލޮޓެލީ އޭސީ މިލާން ދޫކޮށް ލިވަޕޫލާ ގުޅުނީ މިފަހަރުގެ ޓްރާންފާ ވިންޑޯ ބަންދުވާން ކައިރިވެފައި ވަނިކޮށެވެ. އަދި އޭނާ ވަނީ ޕްރިމިއާ ލީގު ދޫކޮށްލެވުމަކީ އޭނާއަށް ކުރެވުނު ކުށެއް ކަމަށް އެއްބަސްވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ބޮޑު ސަޕޯޓަރެއް ކަމަށްވާ ބޯލްޓު ބުނީ، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުތަކުގައި ބަލޮޓެލީއަށް މަދުން ނަމަވެސް ގޯސްތަކެއް ހެދިއްޖެ ނަމަ ޔުނައިޓެޑް ސަޕޯޓަރުންވެސް އަދި އޭނާ ވެސް އުފާ ވާނޭ ކަމަށެވެ.

"އަހަރެމެން ދެމީހުން ކުރިން ދުވަހަކު ވާހަކަ ދައްކަން ތިބިން. އަހަރެން ބުނީ އިންގްލެންޑަށް އޭނާ ގުޅެން ރަނގަޅު ވާނޭ. ސަބަބަކީ އިންގްލެންޑަކީ ފުޓްބޯޯޅަ ކުޅެން އެންމެ ރަނގަޅު ތަން ކަމުގައި ވާތީއޭ،" ބޯލްޓް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ހާލްއަށް އެ ޓީމު ރަނގަޅު ކުރަން ވަގުތު ބޭނުންވާ ކަމަށް ވެސް ބޯލްޓް ބުންޏެވެ.

"ޓީމެއް އާ ސިސްޓަމަކަށް ބަދަލުވާން ދުވަސްކޮޅެއް ނަގާނެ. އެކަމަކު ވަގުތާއެކު ހުރިހާ ކަމެއް ރަނގަޅުވެގެން ދާނެ،" ޖެމެއިކަން ދުވުންތެރިޔާ ބުންޏެވެ.

ބޯލްޓް ބުނީ، މެންޗެސްޓާ ޔުނައިޓެޑް ޕްރިމިޔާ ލީގުގެ ގަދަ ހަތަރަކަށް އެނބުރި އަންނަން ޖެހޭ ކަމަށާއި އަދި ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް ދެން އަންނަ ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި ވާދަކުރަން ޖެހޭ ކަމަށެވެ.