އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް މިރޭ ޖެއްސި ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވެ، ދެ ގަޑިއިރަށް ރަންވޭ ބަންދުކޮށްފި އެވެ.

ސިންގަޕޯ އެއާލައިންގެ ފްލައިޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވުމުން، އެއާޕޯޓް ސަލާމަތީ ހާލަތަކަށް ގެނައީ މިރޭ 10:30 ގައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ހުޅުލޭ ރަންވޭ މައްޗަށް ތެޔޮ ލީކުވުމުން ގަޑިއެއްހާއިރަށް ވުރެ ގިނަ ވަގުތަށް ރަންވޭ ބަންދުކޮށްފައިވާ ކަމަށް އެއާލައިންތަކަށް އައިއެންއައިއޭ އިން އެންގި އެވެ. ރަންވޭ އަލުން ހުޅުވާނީ މިރޭ 12:00 ގައި ކަމަށް އެއާލައިންތަކަށް އެންގި ނަމަވެސް ރަންވޭ އަލުން ބޭނުން ކުރަން ފެށީ މިރޭ މެންދަމު 1:00 ޖަހަން އުޅެނިކޮށެވެ.

ހުޅުލެއަށް މިރޭ ޖެއްސި ސިންގަޕޯ އެއާލައިންގެ ބޯޓުން ރަންވޭ މައްޗަށް ލީކުވީ ހައިޑްރޯލިކް ފިއުލެކެވެ. ހައިޑްރޯލިކް ފިއުލް ރަންވޭ މައްޗަށް ލީކުވުމުން، ރަންވޭގެ އުތުރު ފަރާތުގައި ގަޑިއެއްހާއިރު ވަންދެން އެ ބޯޓު ބޭއްވި އެވެ. އެ ބޯޓުގައި ތިބި ފަސިންޖަރުން ބޭލީ އެ ސަރަހައްދު ރަންވޭ މަތީގައި ބޯޓު ބާއްވައިގެންނެވެ.

މިރޭ އިރާކޮޅު ހިނގި އެ ހާދިސާގައި ބޯޓުން ލީކުވި ތެޔޮ ރަންވޭ މަތިން ސާފު ކުރުމަށްފަހު، އަލުން ރަންވޭ ބޭނުން ކުރަން ފެށީ މެންދަމު 1:00 ޖަހަން އުޅެނިކޮށެވެ.