18 Jan 2011, 16:57
ބޮގޯޓާ : ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ދިހަ އަންހެނުންގެ ލިސްޓުގައި ހިމެނޭ ކޮލަމްބިޔާގެ މަސްތުވާތަކެތީގެ ވިޔަފާރީގެ ރާނީ، ބިތަރީޒް އެލީނާ ހަނާއޮ ކޮލަންބިޔާގެ ސަރުކާރުން އެމެރިކާއާ ޙަވާލުކޮށްފިއެވެ. ބިތަރީޒަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ޙަރކާތްތެރިވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއްގޭންގްގެ ލީޑަރެކެވެ. ބިތަރީޒްގެ ގޭންގުން އެތަށް ޓަނެއްގެ މަސްތުވާތަކެތި އެކިފަހަރުމަތިން އެމެރިކާ، ސްޕޭން،އަދި ނޯވޭއަށް ސްމަގްލިންގ ކޮށްފައިވާ ކަމަށް އެޤައުމުތަކުގެ ސަރުކާރުތަކުން ތުހުމަތު ކުރެއެވެ.
އުމުރުން 45 އަހަރުގެ ބިތަރީޒަކީ ގޭންގް ސްޓައިލްގެ ލީޑަރޝިޕް ލިބިފައިވާ ވަރުގަދަ އަންހެނެއް ކަމަށްވެއެވެ. އޭނާއަކީ ޕޮލިޓިކަލް ސައެންސްގެ ރޮނގުން ޔުނިވަރސިޓީ ތަޢްލީމް ޙާސިލްކޮށްފައިވާ ތަޢްލީމީ އަންހެނެކެވެ. މީގެއިތުރުން ބިތަރީޒަކީ އިނގިރޭސިބަހާއި ޖަރުމަނުބަހާއި ސްޕޭންބަހާ އަދި ހޮލެންޑްބަސް ވަރަށް ރަނަގޅަށް ދަންނަ އަދި މިބަސްތަކުން ފަރިތަކޮށްވާހަކަދައްކާ މީހެއްވެސް މެއެވެ. ބޭރުޤައުމުތަކަށް މަސްތުވާތަކެތި ސްމަގްލިންގ ކުރުމުގައި ބިތަރީޒަށް ފަސޭހަވަނީ ޔޫރަޕްގެ މިހާގިނަ ބަސްތަކެއް އޭނާ ދަންނާތީ ކަމަށް ކޮލަންބިޔާ ފުލުހުން ބުނެއެވެ.
ބިތަރީޒްގެ މައްޗަށް އެމެރިކާއިން ކޮށްފައިވާ މަސްތުވާތަކެތި އެމެރިކާއަށް އެތެރެކުރުމާއި މަނީލޯންޑްރިންގ ގެ ތުހުމަތުތައް ސާބިތުވެއްޖެނަމަ ފަންސަވީހަކަށް އަހަރަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. ބިތަރީޒްގެ ފިރިހެން ކުދިންގެ ތެރެއިން އެއްކުއްޖަކު މިހާރުވެސް ގެންދަނީ މީހުން މެރުމުގެ ކުށުގައި އުމުރުދުވަހުގެ ޖަލުގެ ޙުކުމެއް ސްޕޭންގެ ޖަލެއްގައި ތަންފީޒު ކުރަމުންނެވެ. އަނެއް ފިރިހެން ކުއްޖާ، ގެންދަނީ މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ ކުށުގައި ހޮލެންޑްގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުންނެވެ.
ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ (އިންޓަރޕޯލް) އިން ނެރެފައިވާ ޢަދާލަތަށް ބޭނުންވެފައިވާ އެންމެ ނުރައްކާތެރި 10 އަންހެނުންގެ ލިސްޓްގައި ބިތަރީޒްގެ ނަން ހިމެނެއެވެ.