އޭޑީކޭ ހޮސްޕިޓަލުން ކުނީގެ ގޮތުގައި އުކާލާ ސިރިންޖަރާއި އަންގީގެ އިތުރުން ލޭ އަޅާފައި ހުންނަ ޓެސްޓް ޓިއުބް، އެ ހޮސްޕިޓަލުގެ އިރުމަތީ ފަރާތު މަގު މައްޗަށް "އެޅިފައި" ހުންނަ މައްސަލަ ބަލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އޭޑީކޭގެ އިރުމަތީ ފަރާތު، ގުލްފާމް ހިނގުމުގައި ހުންނަ އެ ހޮސްޕިޓަލްގެ ދޮރު ކައިރި އާއި ކާނުގަނޑުތަކުގެ ތެރޭގައި ބަލި މީހުންނަށް ފަރުވާދިނުމުގައި ބޭނުންކޮށްފައި ހުރި ސިރިންޖަރާއި އަންގި މަގު މައްޗަށް އެޅިފައި އެބަ ހުއްޓެވެ. "ސަން"ގެ ނޫސްވެރިން މިރޭ އެ ސަރަހައްދަށް ދިޔައިރު މި ދުވަސްވަރު މާލެ އަށް ވިއްސާރަވުމުން މަގުމަތީގައި އުފެދުނު ފެންގަނޑާ އެކު އެ ސަރަހައްދު މަގަށް އެޅިފައި ހުރި ސިރިންޖަރާއި އަންގިތައް ގުލްފާމް ހިނގުމުގެ އެކި ދިމާތަކަށް އެ އެއްޗެހި ވަނީ ފެތުރިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން"އަށް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލުގެ ކުނި މަގުމައްޗަށް އެޅިފައިވުމަކީ "ވެގެން ނުވާނެ" ކަމެއް ކަމަށާއި ނަމަވެސް އެފަދަ ކަމެއް ދިމާވުމުން އެ މައްސަލަ ބައްލަވަމުން އަންނަ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރާ ބައެއް ސާމާނު މަގުމަތީގައި-- ސަން ފޮޓޯ

އޭނާ ވިދާޅުވީ ސިރިންޖަރާއި ޓެސްޓް ޓިއުބް ފަދަ ތަކެއްޗަކީ އިންސިލިރޭޓާ ބޭނުން ކޮށްގެން ނައްތާލަންޖެހޭ ތަކެތި ކަމަށާއި ނަމަވެސް އެފަދަ ތަކެތި މަގު މައްޗަށް އެޅުމަކީ މައްސަލައެއް ކަމަށެވެ. އަދި އެފަދަ ތަކެއްޗަކީ ހޮސްޕިޓަލުން އުކާލާ އާންމު ކުނިތަކުގެ ތެރޭގައި ވެސް ހިމެނިގެން ނުވާނެ ތަކެތި ކަމަށް އައްފާލް ވިދާޅުވި އެވެ.

"ހޮސްޕިޓަލްގެ ތާރީހުގައި އަދި ނެތް މިކަހަލަ ކަމެއް ދިމާވެފައި. މިއީ ފުރަތަމަ ފަހަރު. މި މައްސަލަ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން މިދަނީ،" އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު މައިމޫނާ އަބޫބަކުރު "ސަން"އަށް މިރޭ ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ބޭރު ކުރާ ކުނިތައް މަގު މައްޗަށް އެޅިފައިވާ މައްސަލަ ބައްލަވާނީ ހެލްތު މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރާ އެފަދަ ތަކެތި ހޮސްޕިޓަލްތަކުން ނައްތާލާ ގޮތް ބަލަމުންދަނީ ހެލްތު މިނިސްޓްރީން ކަމަށާއި އެ މިނިސްޓްރީއާ ގުޅިގެން "ކަން ވެފައި އޮތް ގޮތް" ބައްލަވާނެ ކަމަށެވެ.

"ސިއްހީ ގޮތުން ނުރައްކާވާ ގޮތަށް، އަދި މީހަކަށް ގެއްލުމެއް ލިބިދާނެ ގޮތަށް ކުރެވިފައި ހުންނަ އެފަދަ ކަންތައްތައް ބެލުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަން ވެސް ގަބޫލު ކުރަން،" މައިމޫނާ ވިދާޅުވި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުމުގެ ގާނޫނުގެ 40 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެއްވެސް މީހަކު، އެ މީހަކު ދިރިއުޅޭތަނެއްގައި، ނުވަތަ އެ މީހެއްގެ ކޮންޓްރޯލް ދަށުގައިވާ އިމާރާތެއްގައި ނުވަތަ ބިމެއްގައި ނުވަތަ ސަރަހައްދެއްގައި އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ބަޔަކަށް ކުރެއްވިއްޖެ ނަމަ އެކަން އިސްލާހު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ފަރާތަކީ އެޗްޕީއޭ އެވެ.