އިރާގާއި ސޫރިޔާއިން ބައެއްގައި " އިސްލާމީ ދައުލަތު"ގެ ނަމުގައި ގާއިމްކޮށްފައިވާ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތައް އެއް ގަލަކަށް އަރައިފިއެވެ.

އިނގިރޭސިވިލާތުގެ ވޭލްސްގައި އިއްޔެ ނިންމުނު ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) ގެ ވެރިންގެ ސަމިޓްގެ ހަވާސާގައި އެމެރިކާއިން ކުރި މަޝްވަރާތަކަށް ފަހު އެމެރިކާއާ އެކު އައިއެސްއާ ކުރިމަތިލުމަށް ނުވަ ގައުމަކުން ވަނީ އެއްބަސް ވެފައެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އެމެރިކާއާއި އެގައުމުގެ ބައިވެރިން އެއްބަސްވެފައި ވަނީ އައިއެސްއާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި އަސްކަރީ ގޮތުން ވެސް އެ ދައުލަތާ ކުރިމަތި ލުމަށެވެ.

ނޭޓޯގެ ގައުމުތަކުގެ ތެރެއިން ނުވަ ގައުމެއް އެކަމުގައި އެމެރިކާއާ ބައިވެރިވާން ނިންމި ނަމަވެސް އެކަމުގައި އަރަބި ގައުމުތަކުގެ ތާއީދު ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމެރިކާއާ ބައިވެރިވާ އަރަބި ގައުމުތައް ވެސް އައިއެސްއާ ދެކޮޅު ހެދުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން އުފައްދި އިއްތިހާދު ފުޅާކޮށް އެ އިއްތިހާދުގައި އަރަބި ގައުމުތައް ބައިވެރިވުމަށް ބާރު އެޅުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އަންނަ ހަފުތާގައި މެދުއިރުމައްޗަށް ވަޑައިގަންނަވާނެ ކަމަށް ވެސް އޭޕީ ބުންޏެވެ.

އޮބާމާ ވިދާޅުވެފައި ވަނީ އައިއެސްއާ ހަނގުރާމަ ކުރުމަށް އެމެރިކާގެ ބިމުގެ ލަޝްކަރުތައް ސޫރިޔާއަށް ދިއުން މުހިއްމު ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އެގައުމުގައި ތިބި " މެދުމިނުގެ" ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.