06 Sep 2014, 17:37
ސްޕެޝަން އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "އެސްއީޒެޑް ބޯޑު" ނުވަތަ "ބޯޑް އޮފް އިންވެސްޓްމަންޓް"ގެ އެއްވެސް މެމްބަރަކަށް މުސާރައެއް އަދި އިނާޔަތެއް ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
~
އޭނާ އެހެން ވިދާޅުވީ އެސްއީޒެޑްގެ ބޯޑަށް ފަސް ވަޒީރުން އައްޔަން ކުރެއްވި މައްސަލާގައި އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މީޑިއާގައި ފެންމަތިކޮށްފައިވާ ވާހަކަތަކާ ގުޅިގެންނެވެ. އެމްޑީޕީން ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭފަދަ އެނޫން ވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އެހެން ބުނެފައި ވަނިކޮށް، އެސްއީޒެޑް ބޯޑަށް ވަޒީރުން އައްޔަން ނުކުރެވޭނެ ކަމަށް އެމްޑީޕީން ދަނީ ވަކާލާތު ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލެޓާހެޑްގައި މުއާޒު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެސްއީޒެޑް ބޯޑަކީ ސަރުކާރުގެ ކުންފުނިތައް ހިންގާ ބޯޑުތައް ފަދަ، ވިޔަފާރި އާއި މާލީ ގޮތުން މަންފާއެއް ލިއްބައިދޭ ބޯޑެއް ނޫން ކަމަށާއި އެ ބޯޑަކީ ވިލަރެސް ކުރާ ނުވަތަ ގަވަނިންގް ކުރާ ބޯޑެއް ކަަމަށެވެ. އަދި އެ ބޯޑުގެ އެއްވެސް މެމްބަރަކަށް މުސާރައެއް ނުވަތަ އިނާޔަތެއް ނުދެއްވުމަށް ރައީސް ޔާމިން ނިންމަވާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ، ސްޕެޝަން އިކޮނަމިކް ޒޯން ގާނޫނުގައިވާ ގޮތުގެމަތީން "ބޯޑް އޮފް އިންވެސްޓްމަންޓްސް" އެކުލަވާލައްވައި، އެ ބޯޑަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު އައްޔަން ކުރެއްވީ، ގާނޫނު އަސާސީގައި ބަޔާން ކުރާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުނާ ގުޅޭ އެންމެހައި މާއްދާތަކާއި ސްޕެޝަން އިކޮނޮމިކް ޒޯން ގާނޫނުގައި ބަޔާން ކުރާ އެންމެހައި ކަންކަން ފުރިހަމައަށް އެނގިވަޑައިގެން ކަމުގައި ދަންނަވަމެވެ،" ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އެސްއީޒެޑް ބޯޑަށް ވަޒީރުން އައްޔަން ކުރުމާ ގުޅިގެން ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ އެކިއެކި ސިޔާސީ ބޭނުންތައް ފުއްދުމަށްޓަކައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް މުއާޒުގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
"... ރައީސުލްޖުމްހޫރިއްޔާ، ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކަމެއް ނުވަތަ ނިންމެވުމެއް ނުނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގައި ވެސް އަރުވަމެވެ،" މުއާޒުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އެސްއީޒެޑް ބޯޑުގައި ހިމެނިވަޑައިގަންނަވާ ފަސް ވަޒީރުންނަކި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމުގެ އިތުރުން ޔޫތު މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލެވެ.
އެ ބޯޑުގެ ޗެއާމަނަކީ އަދީބެވެ. އަދި ވައިސް ޗެއާމަންއަކީ ސައީދެވެ.