ބްރެޒިލިއަން ފުޓްބޯލް ލެޖެންޑް ރޮނާލްޑީނިއޯ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މެކްސިކޯގެ ގުއޭރެޓޭރޯއަށް ސޮއިކޮށްފި އެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑީނިއޯ އަކީ ފީފާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގެ އެވޯޑު ދެފަހަރު ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ. އެތުލެޓިކޯ މިނެއިރޯ އިން ޖުލައި މަހު އޭނާ ވަކިވުމުން ދުނިޔޭގެ މަޝްހޫރު ކްލަބު ތަކުން ވަނީ ރޮނާލްޑީނިއޯ ބޭނުންވާކަމަށް ބުނެފައެވެ.

ޑީނިއޯ ބުނީ މެކްސިކޯ ޓީމަކާ ގުޅުނީ އެތަނުން އޭނާއަށް ލިބޭ ލޯބީގެ ސަބަބުން ކަމަށާއި ގުއޭރެޓޭރޯ އަށް ކުޅެން ތައްޔާރު ކަމަށެވެ.

"އަހަރެން މެކްސިކޯއާ ގުޅުނީ އެތަނުން ލިބޭ ލޯތްބާ ސަޕޯޓުގެ ސަބަބުން. ގުއޭރެޓޭރޯ ރިޕްރެޒެންޓް ކުރުމަށް މިހުރީ ތައްޔާރަށް،" ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ ކުޅުނު 97 މެޗުގައި 33 ގޯލު ޖަހާފައެވެ.

ރޮނާލްޑީނިއޯ ގުއޭރެޓޭރޯ އާ ގުޅިފައިވާއިރު އެ ޓީމު ދަނީ 'ލީގާ އެމްއެކްސް' 2014 ކަޕުގެ ޕްލޭއޮފް އިން ޖާގައެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ސީޒަންގައި ހަތް މެޗު ކުޅެފައިވާއިރު ގުއޭރެޓޭރޯ އޮތީ ލީގު ތާވަލުގެ އެންމެ ފުލުގައެވެ.

ބްރެޒިލްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ހުނަރުވެރި ފޯވާޑް ވަނީ ބާސެލޯނާއާ އެކު 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި 2005 އަދި 2006 ވަނަ އަހަރުގެ ލަލީގާ ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ޑިނިއޯ ވަނީ، އިޓަލީގެ މިލާނާއެކު 2011 ވަނަ އަހަރުގެ އިޓާލިއަން ލީގުވެސް ކާމިޔާބުކޮށްފަ އެވެ.