06 Sep 2014, 17:09
ވޯލްޑް ކަޕަށްފަހު އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން އެޓީމުގެ އާސެނަލް މިޑްފީލްޑަރު ޖެކް ވިލްޝެއާ ޓީމަށް ތައުރީފު ކޮށްފި އެވެ.
ވެމްބްލީގައި ކުޅުނު މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިލްޝެއާ ބުނީ މިއީ އަދި ފެށުމެއް ކަމަށާއި ވޯލްޑް ކަޕުގެ ހިތްދަތިކަމުން އަރައިގަނެވިއްޖެ ކަމަށް އޭނާ ޤަބޫލް ކުރާ ކަމަށެވެ.
" ނޯވޭ އަކީ އަބަދުވެސް އުނދަގޫވާނެ މެޗެއް. އަދި ހާއްސަކޮށް ޓީމުތަކުން ވެމްބްލީއަށް އައިސް ބޯޅަ ފަހަތުގައި ކުޅެން ފަސޭހަ ނުވާނެ. މެޗަކީ ރަހުމަތްތެރިކަމުގެ މެޗަކަށް ވިޔަސް އަހަރެމެން ބޭނުންވީ މޮޅުވާން. ވަކި ވަކި ކުޅުންތެރިންގެފަރާތުން މަދު ގޯސް ތަކެއް ހެދުނު ނަމަވެސް މެޗުން މޮޅުވެ ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. އަހަންނަށް ހީވަނީ މީހުން ވޯލްޑް ކަޕްގެ މެޗުތައް ތަންކޮޅެއް ބޮޑަށް 'އެނަލައިޒް' ކުރިނަމަ އަހަރެމެންނަށް މިއަށްވުރެ ރަނަގަޅުވީސްހެން." ވިލްޝެއާ ބުންޏެވެ.
އަންނަ ހޯމަ ދުވަހު ޔޫރޯ 2016 ކޮލިފައިންގައި ސްވިޓްޒަލޭންޑާ ދެކޮޅަށް އިންގްލެންޑް ނުކުންނަ އިރު ވިލްޝެއާ ބުނީ އެއީ ވަރުގަދަ ކުރިމަތިލުމެއް ކަމަށާއި ނޯވޭ އާ ދެކޮޅަށް ދެއްކި ކުޅުން ކުރިއަށް އޮތްތާނގައި ތަކުރާރު ކުރެވޭނަމަ މާޔޫސްވެފައި ތިބި އިންގްލެންޑް ސަޕޯޓަރުން އަނެއްކާވެސް ޓީމުގެ ފަހަތަށް ޖެހޭނެ ކަމަށެވެ.
" ސްވިޒަލޭންޑް، އެއީ ބޮޑު މެޗެއް. މިއީ ކޮލިފައިން މެޗަކަށްވާތީ އަހަރެމެން ބޭނުން މޮޅުވާން، ނޫންނަމަ މެޗުން ކޮންމެވެސް އެއްޗެއް ހޯދަން. އަނެއްކާ އަހަރެމެން މިތިބީ ވެސް އުނދަގޫ ގްރޫޕެއް ގައި،" ވިލްޝެއާ ބުންޏެވެ.
އިންގްލެންޑް މެޗާ ކުރިމަތިލާއިރު އަނިޔާގެ ސަބަބް ޑެނިއެލް ސްޓަރިޖް އަށް ނުކުޅެވޭނެ އެވެ.
މިއީ މުޅި ކޮލިފައިންގައި ވެސް އިނގްލެންޑަށް އެންމެ އުނދަގޫވާނެ މެޗު ކަމުގައި ގިނަބަޔަކު ދެކެއެވެ. އެންމެ ފަހުން މި ދެޓީމް ވާދަކުރީ އެންމެ ފަހުގެ ޔޫރޯ ކޮލިފަޔާސް ގައެވެ. އެ މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
އާ ކެޕްޓަން ވޭން ރޫނީ ހުންގާނުގައި ހުރެގެން ކުޅޭ ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު ސްވިޓްޒަލޭންޑެގެ ވެރިރަށް ބާސެލްގެ އެސްޓީ ޖަކޮބް ޕާކް ގައެވެ.