06 Sep 2014, 15:40
ސ. މަރަދޫގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ބަނގުރާދީގެން ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އެ ކުޑަ ކުއްޖާގެ އާއިލާއިން ކުރި ރިޕޯޓަކާ ގުޅިގެން އެ މައްސަލާގައި ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަނީ މަރަދޫ މީހަކާއި މަރަދޫ ފޭދޫ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެމީހުންނާ ބެހޭ މައުލޫމާތު އެ މީހުން ހޯދަން އިއުލާން ކުރުމުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު މީގެކުރިން އެ މައްސަލާގައި ހައްޔަރުކުރި 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަހު ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސްކޫލްގައި ކިޔަވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމާ ގުޅިގެން ލިބުނު އަނިޔާތައް އެނގޭނީ އެ ކުއްޖާގެ މެޑިކަލް ރިޕޯޓު ލިބުމުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ތަނަކަށް ގެންގޮސް ބަނގުރާ ދީގެން ކަމަށެެވެ.