06 Sep 2014, 12:07
ދިވެހި ފިލްމް "އިންސާނާ"ގެ ޕްރޮމޯޝަނަލް ލަވައިގައި ބޭނުން ކުރުމަށް ކާރެއްގައި ރޯކޮށް އަންދާލައިފި އެވެ.
ސުނާމީ ބިނާ ސަރަހައްދުގައި އޮންނަ ސިފައިންގެ ހެލިޕެޑް ސަރަހައްދުގައި އިއްޔެ އިރުއޮއްސުނު އިރު ރޯކޮށްލި އެ ކާރަކީ އެ ލަވަކުޅުމަށް ބޭނުންކުރި ކާރެކެވެ. އެ ކާރުގައި ރޯކޮށްލާފައި ވަނީ ސުނާމީ ބިނާގެ ބޮޑު ސަރަހައްދެއް ބަންދުކޮށްގެންނެވެ. އެގޮތުން އެ ސަރަހައްދަށް މީހުންނަށާއި އެއްގަމު އުޅަނދުފަހަރުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން އެންއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމާ އެކު އިންސާނާގެ ކްރޫއިން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެވެެ.
ސީޒަނަލް މޫވީސްއިން ބުނި ގޮތުގައި އެ ކާރުގައި ރޯކޮށްލާފައިވަނީ ފިލްމްގެ ޕްރޮމޯޝަނަލް ލަވައިގައި ބޭނުން ކުރުމަށް ކަމަށެވެ. އަންދާލި ކާރަކީ އެ ލަވައިގައި ބޭނުން ކުރުމަށް 25،000 ރުފިޔާއަށް ގަނެފައިވާ ކާރެއް ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.
މިމަހުގެ 21 ގައި އެޅުވުމަށް ހަމަޖައްސާފައިވާ ދިވެހި ފިލްމް "އިންސާނާ"ގެ ޓިކެޓްގެ އަގަކީ 40 ރުފިޔާ އެވެ. އެއްގަޑިއިރުގެ މި ފިލްމްގެ ހަަތަރު ޝޯ ދެއްކުމަށް ހަމަޖެހިފައިވާ އިރު ފުރަތަަމަ ޝޯ އެ ރޭ 21:00 ގައި ފަށާނެ އެވެ. އަދި ދެވަނަ ޝޯ އެެރޭގެ 11:00ގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
"އިންސާނާ"ގެ ތަރީންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން އައިޝަތު ރިސްމީ އާއި ފާތުމަތު ފަރީލާ ވެސް ހިމެނެ އެވެ.
އިނގިރޭސި ވާހަކައެއްގެ އަސްލަށް ބިޔާކޮށްގެން އުފައްދާފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. އަދި މުޅި ފިލްމްގައި ވެސް ފެނިގެންދާނީ މީހަކު މަރާލުމަށް ފަހު ގާތިލަކު ސަލާމަތްވާންވެގެން އޭނާ ކުރާ މަަސައްކަތްތަކެވެ.