18 Jan 2011, 16:54
މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 20 ޕަސެންޓު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު، 791،917 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ 2009 ވަނަ އަހަރު ރާއްޖެ އައި 655،852 ޓޫރިސްޓުންނާ އަޅާ ބަލާ އިރު 20.7 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ 118،961 ޓޫރިސްޓުންނެވެ. މިއީ 2009 ވަނަ އަހަރު ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންނާ އަޅާބަލާއިރު 96 ޕަސެންޓުގެ އިތުރުވުމެކެވެ. ދެ ވަނައަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 114،158 ޓޫރިސްޓުންނެވެ. އިނގިރޭސިވިލާތުން ވެސް މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ ހަތް ޕަސެންޓު އިތުރުވެފަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕުންނެވެ. އެއީ 505،421 މީހުންނެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އޭޝިޔާއިންނެވެ. އެއީ 250،638 މީހުންނެވެ. މިއީ 2009 ވަނަ އަހަރާ ބަލާއިރު 52 ޕަސެންޓުގެ އިތުރުވުމެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2009 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބައެއް ގައުމުތަކުން ވަނީ މަދު ވެސް ވެފަ އެވެ. އެއީ ކަޒަކްސްތާން، ގްރީސް އަދި ޕޯޗުގަލް އެވެ.