06 Sep 2014, 11:42
ރަށުގައި ތިބެގެން މާބަނޑު އަންހެނުން ސްކޭން ކުރެވޭނެ އިންތިޒާމާ އެކު ކ. ކާށިދޫގައި ހާއްސަ މެޑިކަލް ކޭމްޕެއް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ހިންގަވަމުން ގެންދަވާ ފައިސަލް ފައުންޑޭޝަނުން ބުނީ، އެ ކޭމްޕަކީ މެންބަރު ފައިސަލް އިސްނަންގަވައިގެން އޭޑީކޭ ހޮސްޕިޓަލާއި މެޑިކާގެ އިތުރުން ކާށިދޫ ސިއްހީ މަރުކަޒާ ގުޅިގެން ބާއްވާ ކޭމްޕެއް ކަމަށެވެ.
ކޭމްޕްގައި އޭޑީކޭގެ ގައިނޮކޮލޮޖިސްޓް ޑޮކްޓަރެއް ކަމަށްވާ އައިޝަތު ނުސްރާ މާބަނޑު އަންހެނުން ބައްލަވަމުންދާ އިރު، ކުޑަކުދިންގެ ބަލިތަކަށް މެޑިކާގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ އަހްތަރު ވެސް ބައިވެރިވާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
އެކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކާށިދޫ ކައުންސިލްގެ ރައީސް އީސާ ހަލީލް އިއްޔެ ވިދާޅުވީ، މިވަގުތު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަމުންދާ ފެރީއަކީ މާބަނޑު މީހުން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ ފެރީއެއް ނޫން ކަމަށެވެ. އަދި ހަ ގަޑިރު ކޮޅަށް ތިބެގެން މާބަނޑު އަންހެނުން މާލެ ދަތުރުކޮށް ސްކޭން ހެދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ވިދާޅުވީ، އޭނާ ނެތް ދުވަހަކުން ވެސް މި ހިދުމަތް ދާއިރާގެ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް ވިސްނަވާފައިވާ ކަމަށެވެ.
"ދެމެހެއްޓެނިވި ގޮތަކަށް ސިއްހީ ކަންތައްތައް ކުރިއަށް ގެންދިޔުމަށް މިދަނީ، ސިއްހީދާއިގެ އެކިއެކި ފަރަތްތަކާއި ވާހަކަ ދައްކަމުން. ވަކި ހިސާބަކުން ނިންމާލާފައި ދާއުސޫލުން ކަންކަން ކުރަން ބޭނުން ނުވޭ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ހުށަހަޅާފައިވާ ސިއްހީ ހިދުމަތުގެ ބިލްތަކާ ގުޅޭ ގޮތުން މިދަތުރުގައި ރައްޔިތުންގެ ހިޔާލު ވެސް ހޯދާނެ ކަމަށެވެ.
ކާށިދޫގައި އިއްޔެ ފެށި އެ ކޭމްޕް އެ ދާއިރާގެ ގާފަރުގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ކާށިދޫގައި އެ ކޭމްޕް ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް ފައިސަލް ފައުންޑޭޝަނުން މައުލޫމާތުދެ އެވެ.