އެއްގަމު އުޅަނދާ ބެހޭ އެކި ގަވާއިދުތަކާ ހިލާފުވުމުން ޓޯކޮށް ވެރިފަރާތުން ހަވާލުނުވެ ހުރި ގިނަ އުޅަނދުތަކެއް ނައްތާލުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފ އެވެ.

މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން މީޑިއާ ކައުންސިލް ގުޅިގެން ހަދާފައިވާ ކޮމިޓީއެއްގެ ދަށުން ކުރާ އެ މަސައްކަތުގައި މިއަދު ހެނދުނު ވަނީ 36 ސައިކަލާއި ހަތަރު ފުރޮޅުލީ ހަ އުޅަނދެއް ނައްތާލާފަ އެވެ. އެ އުޅަނދުތައް ނައްތާލާފައި ވަނީ އެއްނަންބަރު ކުނިކޮށީގަ އެވެ.

ވެހިކަލްތައް ނައްތާލުމުގެ ކުރިން މިއަދު ހުރިހާ ވެހިކަލްތައް އެއްކޮށްފައި: ވެހިކަލްތައް ނައްތާލީ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު -- ސަން ފޮޓޯ/ ސޮފްވާން

މީޑިއާ އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަދި ވެހިކަލް ނައްތާލާ ކޮމިޓީގެ ޗެއާމަން އަބްދުލް ހަމީދު އަލީ މިއަދު ވިދާޅުވީ ގާނޫނުގެ ދަށުން ފުރިހަމަކުރަން ޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހު މިއަދު ނައްތާލާފައިވާ ވެހިކަލްތަކަކީ މި ސިލްސިލާގެ ފެށުން ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ގަވާއިދާ ހުލާފަށް ހުންނަ ތަކެތި ނަގައި ނައްތާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތާގައި ވެސް މި ހުންނަ ވެހިކަލްތައް އަޅުގަނޑުމެން ނަގާނަން. އަޅުގަނޑުމެންގެ އުންމީދަކީ މާލޭ މަގުތަކުގައި މިގޮތަށް އުކާލާފައި ހުންނަ ތަކެތި ނަގާ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް މިކަން ތަކުރާރު ކުރަމުން ގޮސް މާލޭގެ މަގުތައް ވެހިކަލްތަކުން އަމާން ތަނަކަށް ހެދުން،" ހަމީދު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފުވުމުން ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ އެއްގަމު އުޅަނދު މިހާރު ނަގާފައިވާ އިރު އެ މަސައްކަތުގެ ދަށުން މިއަދު މެންދުރު ފަހު ތިލަފުށީގައި ވެސް ގިނަ އަދަދެއްގެ އުޅަނދުތަކެއް ނައްތާލަން ހަމަޖެހިފައިވާ ކަމަށް އެ ކޮމިޓީން މައުލޫމާތުދެ އެވެ.