އިސްލާމްއާބާދުު (ސެޕްޓެމްބަރ) : އިންޑިޔާއާއި ޕާކިސްތާނަށް ކުރަމުން ގެންދާ މޫސުމީ ވިއްސާރާގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްލިބި އެތައް ބަޔަކު މަރުވެއްޖެވެ. ޕަންޖާބާއި ކަޝްމީރަށް ކުރަމުންމިދާ ވިއްސާރާގައި ޕާކިސްތާނުން 40 މީހުން މަރުވެފައިވާ އިރު އިންޑިޔާ އިން 28 މީހުން މަރުވެފައިވެ އެވެ.

މިވިއްސާރަ ކުރަމުން މިދަނީ ޕަންޖާބާއި ކަޝްމީރަށެވެ. މި ދެ ސަރަހައްދުގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާ އިރު ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އަރާކަމަށް ޚަބަރުތައް ބުނެ އެވެ. ކަޝްމީރުގެ ދެފަޅި ކަމަށްވާ ޕާކިސްތާނުގެ އާޒާދެ ކަޝްމީރާއި އިންޑިޔާގެ ޖަންމޫ ކަޝްމީރަށް ވެސް ގަދައަށް ވިއްސާރަ ކުރަމުން ގެންދާތާވަނީ ހަފްތާއެއްވެފަ އެވެ.

ވިއްސާރައިގެ ސަބަބުން އިންޑިޔާގެ ޖަންމޫ ކަޝްމީރަށް ކުރަމުންދާ ވިއްސާރައިގާ 28 މީހުން މަރުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާއެއްގައި ފަސިންޖަރު ބަހެއް އުންތަނަކުން ފޮރޮޅާލައިގެން ވެއްޓުމުގެ ސަބަބުން 50 މީހުން މަރުވެ އިތުރު ބަޔަކު ގެއްލިފައިވެ އެވެ. މިބަހަކީ ކައިވެނީގެ ހަފްލާއަކަށް މީހުން ގޮވައިގެންދިޔަ ބަހެކެވެ. މިބަސް ފޮރޮޅާލުމުގެ ސަބަބުން ގެއްލުނު މީހުންގެ ތެރޭގައި ކައިވެނި ކުރާ އަންހެންމީހާ އާއި ފިރިހެންމީހާ ވެސް ހިމެނެ އެވެ.
އިންޑިޔާ އާއި ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުގޮތުގައި ޕަންޖާބާއި ކަޝްމީރަށް ކުރަމުންމިދާ ވިއްސާރައަކީ ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި އެދެ ސްޓޭޓަށް ކުރާ އެންމެ ގަދަ ވިއްސާރަ އެވެ. މި ވިއްސާރަ އަދިވެސް ހަފްތާއަކަށް ދިގު ދެމިގެންދާނެ ކަމަށް އެ ދެ ގައުމުގެ މުސުމާބެހޭ އިދާރާތަކުން ބުނެ އެވެ. (ރޮއިޓާސް)