ކެއުމަށް ނުރައްކާތެރި ތަކެތި ދެނެގަނެވޭނެ ޑިވައިސްއެއް ޗައިނާއިން އުފައްދައިފި އެވެ.

އެޑިވައިސް އުފައްދާފައި ވަނީ ޗައިނާ މީހުން ކާންބޭނުން ކުރާ "ޗޮޕްސްޓިކް"ގެ ޑިޒައިނަށެވެ. ޗައިނާގެ ބޮޑު ސާޗް އިންޖީނެއް ކަމުގައިވާ "ބައިޑު" އިން އުފެއްދި އެ ޑިވައިސްގެ މޮޑަލެއް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބެއިޖިންގް އަހަރީ ކޮންފަރެންސްގައި ވަނީ ދައްކާލާފަ އެވެ.

ބެޓެރީގެ އެހީގައި މަސައްކަތް ކުރާ އެޑިވައިސްގައި ސެންސަރުތަކެއް ވަނީ ހަރުކުރެވިފައެވެ. މި ސެންސަރުތަކުގެ މަސައްކަތަކީ ޗައިނާގައި އާންމުވެފައިވާ "ގަޓަރު ތެޔޮ" ހޯދުމެވެ. ކާއެއްޗިހީގައި ގަޓަރު ތެޔޮ ހުރިތޯ ނުވަތަ ނެތްތޯ އެޑިވައިސް އިން އަންގައިދެއެވެ.

ޖަންގްޝަންތަކަށް އަޅާފައި ހުންނަ އެކިވައްތަރުގެ ތެޔޮ ސާފުކޮށްގެން ހަދާފައިވާ އެ ތެލުގައި "ކާސިނޯޖެން" ނަމަކަށް ކިޔާ ރޭޑިއޯ އެކްޓިވް މާއްދާއެއް އެކުލެވޭތީ އެވައްތަރުގެ ތެޔޮ އުފެއްދުން ޗައިނާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ބައިޑުގެ ސްޕޯކްސް ޕާސަން ކެއިސާ ކުއޯ ވިދާޅުވީ ކާއެއްޗިހީގައި ނުރައްކާތެރި މާއްދާއެއް އެކުލެވޭނަމަ އެޑިވައިސް ރަތްކުލައިން ދިއްލޭނެކަމަށެވެ.

"ރައްކާތެރިވަރަށް ވުރެ ބޮޑަށް ތެޔޮ ބޭނުން ކުރެވިފައި ވާނަމަ ޗޮޕްސްޓިކް ގެ ބޮކި ރަތްކުލައިން ދިއްލޭނެ،" ކުއޯ ވިދާޅުވިއެވެ.

ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރަން އުނދަގޫ ވުމަކީ ޗައިނާއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ބައެއް ކާބޯތަކެއްޗަށް މެލަމައިން ނަމަކަށް ކިޔުނު ކެމިކަލެއް އެޅުމުގެ ސަބަބުން 2008 ވަނަ އަހަރު އެގައުމުން ހަ ކުދިން ވަނީ މަރުވެފަ އެވެ.

ގަޓަރު ތެޔޮ އުފެއްދުމުގެ މައްސަލައިގައި މިދިޔަ އަހަރު 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ. އޭގެތެރެއިން 20 މީހުން ޖަލަށް ލާފައިވާއިރު ދެމީހަކަށް އައީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.