06 Sep 2014, 10:45
ކޮންމެ އަހަރެއްގެ ވެސް ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާނުންނަށް ހާއްސަކޮށް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާނުންގެ ފޯރަމް މިއަދު ފަށައިފި އެވެ.
ޔޫތު ސެންޓަރުގައި ކުރިއަށްގެންދާ އެ ފޯރަމްގައި 18 އަހަރާއި 25 އަހަރާ ދެމެދުގެ ގިނަ ޒުވާނުންތަކެއް ބައިވެރިވެ އެވެ. އެގޮތުން ވިލާ އިންޓަނޭޝަނަލް ހައިސްކޫލާއި ސްކައުޓާއި ދިވެހި ޔޫތު މޮނިއުމެންޓްގެ އިތުރުން ގަލޮޅުމަދަރުސާ އާއި ސީއެޗްއެސްސީ އާއި ގައުމީ ޔުނިވާސިޓީ ފަދަ ފަރާތްތަށް ފާހަގަ ކޮއްލެވެ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ފޯރަމްގެ ޝިއާރަކަށް މިއަހަރު ކަނޑައަޅާފައި ވަނީ "ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން" ނުވަތަ "މެންޓަލް ހެލްތު މެޓާސް" އެވެ. އެގޮތުން އެ ފޯރަމްގައި ބައިވެރިވި ބައިވެރިންނަށް ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ މައުލޫމާތުތަށް ދެއްވުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސުގެ ފަރާތުން ނެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މީގެ ކުރިން ޒުވާނުންނާ ގުޅޭ އެތަކެއް ދާއިރާތަކެއްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ މުހައްމަދު ހާނިމް ވިދާޅޫވީ ޒުވާނުންނަކީ މުޖުތަމައުގައި މުހިންމު ބަޔަކަށްވެފައިވާ އިރު ޒުވާނުންގެ ގިނަ ކަންކަން ގުޅިފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް އެފަދަ މައުލޫމާތެއް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރިއާއި ގެވެށިއަނިޔާ އާއި ޖިންސީ ތަފާތިކުރުމާއި އަދި ބެލެނިވެރިކަމުގެ އިހުމާލުތައް ގުޅިފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް. ނަމަވެސް ވޭތުވެ ދިޔަ ތަނުގައި މި މައްސަލަތައް ހައްލުކުރުމަށް ފަށާފައި ނުވާކަން ފާހަގަކުރަން. ނަމަވެސް ވަކި ޕްރޮޖެކްޓްތައް ހިންގުމުގެ ސަބަބުން އޭގެ ނަތީޖާ އަކަށް ވެފައި ވަނީ ވަކި މިންގަނޑެއްގައި މައްސަލަތައް ހިފެހެއްޓުން. އަޅުގަނޑު ދެކޭ ގޮތުގައި މީގެ ސަބަބުން އެފަދަ މައްސަލަތަކަށް ހައްލެއް އަންނާނެ،" ހާނިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ނޭދެވޭ ސިފަތަކުން ޒުވާނުން ދުރުކޮށް އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ބޮޑުކޮށް ޒުވާނުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވެސް އެ ފޯރަމްގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފޯރަމް ކުރިއަށް ގެންދަނީ އެއްދުވަހުގެ މުއްދަތަކަށެވެ.