ހެނދުނު ހޭލައިގެން އެންމެން ދަނީ މަސައްކަތަށެވެ. މަސްވެރިން މަހަށް، ދަނޑުވެރިން ދަނޑަށް، އެހެނިހެން މަސައްކަތްތައް ކުރާމީހުން އެމަސައްކަތްތަކަށެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އޮންނަނީ މުނިފޫހި ފިލުވުމެވެ. ތުނޑިއަށް ދިއުމާއި ރަށުތެރޭގައި ބުރުޖެހުމާއި ސައި ހޮޓާ ރެސްޓޯރެންޓްގައި ކޮފީ ބޮއި، މަޖާ އަނގަތެޅުމެވެ. އެގޮތުގައި ރޭގަނޑުން ބައެއް ވެސް ވެއަތު ކުރެއެވެ. މިއީ އެއް އިރެއްގައި ދިވެހިންގެ ދިރިއުޅުމެވެ.

ދެން އައީ ސިޔާސީ ދުވަސްވަރެވެ. ސިޔާސީ ދުވަސްވަރު އައިމާ ގިނަ ބަޔަކު ސިޔާސީވެ، ހޮޅު އަށިތަކުން ޕާޓީތަކުގެ ޖަގަހަތަކަށް ބަދަލުވި އެވެ. ކޮފީގައި ދައްކާ ވާހަކަ ސިޔާސީ ވާހަތަކަށް ބަދަލުވި އެވެ. ދެން މުޒާހަރާތަކާއި އެއްވުންތަކާއި ޖަލްސާތައް ވެސް ވީ ސިޔާސީ ކަމެއްގެ އިތުރުން މުނިފޫހި ފިލުވުމުގެ ކަމަކަށެވެ. ކުރުކޮށް ބުނާ ނަމަ ރާއްޖޭގައި ދާދި ފަހަކާ ޖެހެންދެން ވެސް އޮތީ މަޖާ ކުރުމެވެ.

ނަމަވެސް ހާލަތު މިއަދު ބަދަލުވެއްޖެ އެވެ. ޣާފިލު ކަމުގައި މަޖާ ކުރަން ތިބި މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ އެތައް ހާދިސާތަކެއް ހިނގަން ފަށައިފި އެވެ. މަދިރިއެއް މަރާލާހާ ފަސޭހައިން މީހުން މަރަން ފަށައިފި އެވެ. އެއީ ދެން މުޅި ދުނިޔޭގެ ވެސް އަދުގެ ހާލަތެވެ. އިންސާފު ނުލިބޭ ތަން ގިނައިން އަންނަ ފެށީމާ ގިނައިން ކުށް ކުރާނެކަން އެއީ ގައިމުވާ ކަމެކެވެ.

އެހުރިހާ މަރުހަލާއަކަށް ފަހު މިހާރު ފެށިގެން އުޅެނީ އެހެން މަރުހަލާއެކެވެ.

ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުން ވަނީ އިތުރުވެފަ އެވެ. ސޯޝަލްމީޑިއާ ފޭސްބުކްއާއި ޓްވިޓާގައި ހަމަ ފާޅުގައި ކާކުކަން އެނގޭ ގޮތަށް ވެސް އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ބައިވަރެވެ. އޭގެ އިތުރުން އެކި އެކި ބްލޮގްތަކާއި ވެބްސައިޓްތައް ހަދައިގެން ދީނާ ދެކޮޅަށް ލިޔާ މީހުންވެސް އެބަ ތިއްބެވެ.

އަނެއް ބަޔަކު ވަނީ އެހެން ގޮތެއް އިހުތިޔާރުކޮށްފަ އެވެ. އެކި އެކި ގައުމުތަކުގައި ހިނގަމުން އަންނަ ދީނީ ހަނގުރާމަތަކުގައި ބައިވެރި ވުމަށް މީހުން ފޮނުވުމުގައި އެމީހުން ވަނީ ކާމިޔާބު ހޯދާފަ އެވެ. އެގޮތުން މެދު އިރުމަތީގައި އެންމެ ނުރައްކާތެރި ހަނގުރާމައެއް ހިނގަމުން އަންނަ ސޫރިޔާގައި ދިވެހިންގެ ގާތްގަނޑަކަށް 40 މީހުން ހަރަކާތްތެރިވާކަން ވަނީ އެނގިފަ އެވެ. އެގައުމަށް ދިޔަ ދިވެހިންގެ ތެރެއިން ހަތަރު މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.

ސީދާ އިސްލާމްދީނާ ދެކޮޅަށް ސޯޝަލް މީޑިއާގައި މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ބަހެއް ބުނާ އަޑު ނީވުނަސް، ދީނީ ވާޖިބެއް ކަމަށް ދެކި، ހަނގުރާމަ އަށް މީހުން ރެކްރޫޓް ކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ އިތުރުން އިދިކޮޅު ޕާޓީން ވެސް ވަނީ ތެދުވެފަ އެވެ.

އެގޮތުން ސޫރިޔާ ހަނގުރާމައިގެ ގަދަ ބާރެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އޮފް އިރާފް އެންޑް ސީރިޔާ (އައިއެސްއައިއެސް)ގެ ހަރަކާތްތަކަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޝަހީމްގެ އެވާހަކަ ފުޅާ އެއްގޮތަށް ސަރުކާރުން އަމަލުކުރަން ބާރުއެޅުމަށް އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޑރ. ޝަހީމްގެ އެ ވާހަކަފުޅާ އެއްގޮތަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ސަރުކާރުން ޢަމަލު ނުކުރާ ކަމަށެވެ.

"...އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިއާ [އައިސިސް]ގެ ނަމުގައި ޙަރަކާތްތެރިވާ ހައްދުފަހަނާޅާފައިވާ މީހުންގެ ފިކުރާ ޙަރަކާތްތަކަށް ދިވެހިރާއްޖޭގައި އެއްވެސް ޖާގައެއް ނުދެއްވާނޭ ކަމަށް އިސްލާމިކް މިނިސްޓަރު ޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ނަމަވެސް އެ ވާހަކަފުޅާ ޚިލާފަށް އެމަނިކުފާނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މިހާރު މިއޮތް ސަރުކާރުން ދެފުށް ދެގޮތް ސިފަތައް ދައްކަވަމުން ގެންދަވާތީ، އެކަން އެމްޑީޕީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ،" އެމްޑީޕީން އޭރު ނެރުނު ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ އައިއެސްގެ ދިދަ ރާއްޖޭގައި އެކި ފަހަރު މަތިން ބޭނުންކޮށްފައި ވުމެވެ. އެކަމާ ސަރުކާރުން އަޅައި ނުލާ ކަމަށް ބުނެފައިވެ އެވެ.

"...ހަމަ އެފަދައިން އިސްލާމިކް ސްޓޭޓް [އައިއެސް] އިން މިދެންނެވި ލޯގޯ ޖެހި ދިދަ ނިވާފަތްގަނޑަކަށް ހަދައިގެން ހައްދުފަހަނާޅާފައިވާ އަމަލުތައް ހިންގަމުންދާ ކަން މަޝްހޫރުވެފައި ވަނިކޮށް، ހަމަ މިދުވަސްވަރާ ދިމާކޮށް އެ ލޯގޯ ޖެހި ބެނާތައް ދަމައި، އިސްތިހާރުކޮށްގެން ދީނީ ދަރުސު ބޭއްވުމަށް ޓަކައި، މަގުސަދު ނުބައްލަވައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް، އިސްލާމިކް މިނިސްޓްރީން ދޫކޮށް، އިންތިޒާމުކޮށްދެއްވާފައިވާކަން ފާހަގަކުރަމެވެ. އަދި މި ބެނާތައް ދެމުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތައް ޙަރަކާތްތެރިވިކަން އެނގިފައިވެ އެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީން މިމޭރުމުން ބަޔާނެއް ނެރެފައި ވަނިކޮށް، އަލް ޤައިދާއާއި އައިއެސް އިން ބޭނުންކުރާ ޝަހާދަތުގެ ދެކަލިމަ، ދެ ފޮންޓަކުން ލިޔެފައިވާ ކަޅު ދިދަތައް ހިފައިގެން އިއްޔެ މާލޭގައި ވަނީ ހިނގައިލުމެއް ބާއްވާފަ އެވެ.

ގެންގުޅުނު ލިއުންތަކުގައި "ބޭނުމީ ޝަރީއަތް. ފެހިފޮތް ބޭނުމެއް ނޫން" އަދި އިސްލާމްދީން މުޅި ދުނިޔެ އަށް ފެތުރޭނެ" މިފަދަ އިބާރާތްތައް ހިމެނެ އެވެ.

ސުލްހަވެރިކަމާ އެކު ބޭއްވި އެ ހިނގައިލުމުގެ މަޤުޞަދަކީ އިސްލާމީ ޝަރީއަތް ގާއިމްކުރުމުގެ ވާޖިބުކަން ރާއްޖޭގެ ރައްޔިތުންނަށް ވިސްނައިދީ ހޭލުންތެރިކަން އުފެއްދުން ކަމަށް އެ މީހުންދެކެ އެވެ. އަދި ޑިމޮކްރަސީ ފަދަ އެހެނިހެން ނިޒާމްތަކަކީ އިސްލާމްދީނާ ބީރަށްޓެހި ނިޒާމުތައް ކަން ވިސްނައި ދިނުމަކީ ވެސް އެއްވުމުގެ މަޤުޞަދެއް ކަމަށް ވެސް އެނގިފައިވެ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެމެރިކާ އިން ރާއްޖޭގެ ލޯއެންފޯސްމެންޓް އެޖެންސީތަކަށް ހިންގައިދޭން ފެށި ތަމްރީނު ޕްރޮގްރާމްތަކެވެ. އެމެރިކާ އިން އަބަދުވެސް ރާއްޖޭގެ ސިފައިންނާއި ފުލުހުން ތަމްރީނު ކުރުމުގައި އެހީތެރި ވެޔެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ފުލުހުންނަށް ތަމްރީނުތަކެއް ފެށިކަން ވަނީ އެނގިފަ އެވެ. ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ވަނީ ތަމްރީނުގެ އެހެން ޕްރޮގްރާމެއް ފަށާފަ އެވެ. އެމެރިކާގެ ހުރިހާ ތަމްރީނެއް ވެސް މިފަހަރު އަމާޒުކޮށްފައި ވަނީ އެމީހުން ޓެރަރިސްޓުން ކަމަށް ގަބޫލުކުރާ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖޭގެ ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ ގާބިލުކަން އިތުރު ކުރުމަށެވެ.

ނަމަވެސް އެމެރިކާ އިން ރާއްޖޭގެ ކަންކަމާ މިހާރު އެވަރަށް އުޅުމުގައި އޭގެ އަނެއް ފަރާތެއްވާނެ ކަމަށް ބެލެވެ އެވެ. އެއީ ރާއްޖޭގައި އުޅޭ އެމެރިކާ އިން ގަބޫލު ނުކުރާ ވިސްނުންތަކުގެ މީހުންނާ ދެކޮޅަށް ސަރުކާރު އެކްޓިވޭޓް ކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ވުން ގާތެވެ.

ގައުމުގެ ބޮޑު އާބާދީއެއް މިހާ ތަފާތު ދެ މިސްރާބަކަށް ދަތުރު ކުރުމަކީ ރާއްޖޭގައި ދީނީ ގޮތުން ތަޅައިފޮޅުންތައް ފެށިދާނެ ކަމުގެ އަލާމާތެކެވެ. އެފަދަ ކަމެއް ފެށިއްޖެ ނަމަ ބޭނުންކުރާނެ އުކުޅުތަކާއި ބޭނުންކުރާނެ ހަތިޔާރު އުފައްދަން ވެސް އެއް ބަޔަކު ދަސްކޮށްފައިވާ ކަމަށް ބެލެވެ އެވެ. އެހެންވީމާ ދުނިޔޭގެ އެހެން ގައުމުތަކުގައި ހިނގަމުން އަންނަ ފަދަ ދީނީ ތަޅައިފޮޅުންތައް ރާއްޖެ އަށް ތައާރަފުވުން އޮތީ ދާދި ކައިރީގައި ކަމަށް ބުނެވެން އެބަ އޮތެވެ. ދެބައިމީހުންނާ ވެސް ކަމާ ބެހޭ އިދާރާތަކުން މުއާމަލާތް ކުރުމަކީ ދެން ލަސްކުރެވެން އޮތް ކަމެއް ނޫނެވެ.