ޣައްޒާ (އޮގަސްޓް 6) : އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކުން ޣައްޒާއާ ދެކޮޅަށް އެންމެފަހުން ހިންގި އުދުވާނުގައި ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ދީފައިވާ ގެއްލުންތަކުގެ އަގު 7.8 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް މިކަމާ ބެހޭ ދިރާސާތައް ކުރަމުން ގެންދާ ފަލަސްތީނުގެ ތަޖްރިބާކާރުންގެ ކޮމިޓީން ބުނެފި އެވެ.

މިކޮމިޓީން ނެރުނު ރިޕޯޓެއްގައި އިސްރާއީލުން ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށާއި ކާރުޚާނާ ތަކަށާއި އަދި ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމްތަކަށް ހަމަލާތައްދީ އެތަންތަން ހަލާކުކޮށް ސުންނާފަތި ކޮށްލާފައި ވަނީ ރާވައިގެ ސިސްޓަމެޓިކް ގޮތެއްގައި ކަމަށް ބުނެފައިވެ އެވެ. މި ރިޕޯޓްގައިވާ ގޮތުން ޣައްޒާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ވަނީ ސާފުބޯފެން ލިބޭނެ ވަސީލަތްތައް ގާއިމް ކޮށްދިނުމާއި ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނުތަކާއި ވަގުތީ ހިޔާވަހިތަކެވެ. ނަމަވެސް ހަލާކުކޮށްލާފައިވާ އިމާރާތްތައް އަލުން ބިނާކުރުމާއި މަރާމާތު ކުރުމަށް ބޭނުންވާ މާއްދާތަކާއި ވަސީލަތްތައް އަވަސް ގޮތަކަށް ޣައްޒާއަށް އެތެރެކުރެވޭނެގޮތް ހަމަޖެއްސިއްޖެ ނަމަ ވީރާނާކޮށްލާފައިވާ ޣައްޒާގެ ސަރަހައްދުތަކަށް އަވަސް ގޮތެއްގައި ދިރުން ގެނެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އެންމެފަހުން ހިންގި އުދުވާނާއި ގަތްލުއާންމުތަކުގައި ފަލަސްތީނުގެ ދެހާހަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި އެގާރަ ހާހަށް ވުރެ ގިނަ މީހުން ޒަޚަމްކޮށް 60 އާއިލާއެއް އެއްކޮށް ނައްތާލުމުގެ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވެ އެވެ. (އަލްޖަޒީރާ)