06 Sep 2014, 03:31
ޔޫރޯ 2016ގެ ކޮލިފައިންގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗާ ދިމާކޮށް އެޓީމުގެ ފޯވާޑް ޑިއެގޯ ކޮސްޓާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް އެ މެޗުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ޗެލްސީގެ ހުނަރުވެރި ފޯވާޑުގެ ވާތު ފައިގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ފްރާންސާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ސްޕެއިން ބަލިވި މެޗުގައެވެ. އެ މެޗުގެ 67 ވަނަ މިނިޓްގައި ކޮސްޓާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މެޗު ދޫކޮށް ދާން ޖެހުނެވެ.
ބްރެޒިލަށް އުފަން ކޮސްޓާ، ސްޕެއިންގެ ރައްޔިތަކަށް ބަދަލުވުމަށް ފަހު، ގައުމީ ޓީމަށް މިހާތަނަށް ކުޅެފައި ވަނީ، ފަސް މެޗެވެ. ކޮސްޓާ ވަނީ، މި ހިނގާ ހޫނުމޫސުމުގައި ޗެލްސީއާ ގުޅުނު ފަހުން އެޓީމަށް ކުޅުނު ތިން މެޗުގައި ޖުމުލަ ހަތަރު ލަނޑު ކާމިޔާބުކޮށްފައި ވެއެވެ.
ކޮސްޓާގެ ބަދަލުގައި ސްޕެއިން ޓީމަށް ނަގާފައި ވަނީ ބާސެލޯނާގެ ޒުވާން ފޯވާޑް މުނީރު އަލް ހައްދާދީއެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްއާރުއައި ސްކޭނެއް ހެދުމަށްފަހު، ކޮސްޓާގެ ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ޔަގީން ކުރެވިފައި ވާކަމަށެވެ. އަދި، އޭނާގެ އަނިޔާއާ ގުޅޭ ހުރިހާ މެޑިކަލް ރިޕޯޓުތަކެއް ޗެލްސީއަށް ފޮނުވާނޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.