އިންގްލޭންޑްގެ ގައުމީ ޓީމުގެ ފޯވާޑް ޑެނީލް ސްޓަރިޖުގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔޫރޯ 2016ގެ ކޮލިފައިންގައި ސްވިޒަލޭންޑާ ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗުން ފުރުސަތު ގެއްލިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ލިވަޕޫލް ފޯވާޑް ބުނީ، ޔޫރޯ 2016ގެ ކޮލިފައިންގައި އިންގްލޭންޑް ކުޅޭ ފުރަތަމަ މެޗުގައި ނުކުޅެވޭ ގޮތް ވުމުން ހިތް ހަލާކު ވެއްޖެ ކަމަށެވެ.

"އަނިޔާވުމަށް ވުރެ ހިތްދަތިކަމެއް ނޯންނާވެ،" ކުޅުމުގެ ފުރުސަތު ގެއްލުމުން ހިތް ހަލާކުވެފައިވާ ކަމަށް ބުނެ ސްޓަރިޖް އޭނާގެ ޓްވިޓާގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ. "ދެން ލިވަޕޫލުގެ ފަރިތަކުރުން ތަކުގައި ވަރަށް އަވަހަށް ބައިވެރި ވެވޭނެކަމަށް އުންމީދު ކުރަން."

އިނގިރޭސި އެފްއޭއިން ވެސް ވަނީ، ސްވިޒަލެންޑުގެ ބަސެލްގައި އަންނަ ހޯމަ ދުވަހު ކުޅޭ މެޗާ ދިމާކޮށް ލިބުނު އަނިޔާގެ ސަބަބުން ސްޓަރިޖަށް ޓީމުން ޖާގަ ގެއްލިފައިވާކަން ކަށަވަރު ކޮށްދީފައެވެ.

"ޑެނިއެލް ސްޓަރިޖްގެ ސްކޭންތަކެއް ހެދުމަށް ފަހު މިހާރު ވަނީ، ފަރުވާ ހޯދުމަށް ލިވަޕޫލަށް ގޮސްފައި. ކުރިއަށް އޮތް މެޗުގައި އޭނާ ބައިވެރިއެއް ނުވާނެ،" އެފްއޭގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވި އެވެ.

ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 16 މެޗުން ފަސް ލަނޑު ކާމިޔާބުކޮށްފައިވާ ސްޓަރިޖަށް ވަނީ، ލިވަޕޫލުން އެމެރިކާއަށް މިފަހަރު ކުރި ޕްރީ-ސީޒަން ޓުއާގައި ވެސް ހެމްސްޓަރިން އިންޖަރީއެއްގެ ސަބަބުން ބައިވެރިވެވޭ ގޮތް ނުވެފައެވެ.

ސްޓަރިޖްގެ އަނިޔާއާ ގުޅިގެން އިންގްލޭންޑް ކޯޗު ރޯއީ ހޮޖްސަންއަށް އޭނާގެ ޓީމުގެ އެޓޭކިންގައި ބޭނުން ކުރަން ޖެހޭނީ، ކެޕްޓަން ވޭން ރޫނީއާއި، ލިވަޕޫލްގެ ރިކީ ލަމްބާޓާއި، އާސެނަލާ އަލަށް ގުޅުނު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑެނީ ވެލްބެކް އެވެ.

ޗެލްސީގެ ސެންޓްރަލް ޑިފެންޑަރު ގެރީ ކޭހިލް ބުނީ، ސްވިޒަލޭންޑަކީ ޔޫރޯ 2016ގެ ކޮލިފައިންގައި އިނގިރޭސީންނަށް ކުރިމަތިލާން ޖެހޭނެ އެންމެ އުނދަގޫ ގޮންޖެހުން ކަމަށެވެ. އެ ގްރޫޕުގައި ހިމެނޭ އެހެން ޓީމުތަކުގެ ތެރޭގައި، ސްލޮވީނިއާ، އެސްޓޯނިއާ، ލިތުއޭނިއާ އަދި ސެން މަރީނޯ ހިމެނެއެވެ.