ދައުލަތުގެ މުސާރައިގެ އޮނިގަނޑު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު މޯލްޑިވްސް މީޑިއާ ކައުންސިލް މެންބަރުންގެ މުސާރަ ވެސް ވަނީ ދެ ގުނަ ބޮޑުކޮށްފައި ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.

ގާނޫނު އަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ މަގާމުތަކަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރި މުސާރައިގެ އޮނިގަނޑު ބުނާ ގޮތުން 15 މެންބަރުންގެ ކައުންސިލްގެ މެންބަރަކަށް ކަނޑައަޅާފައި ވަނީ، ކުރިން އެ ކައުންސިލްގެ މެންބަރެއްގެ މުސާރައިގެ ގޮތުގައި ދެމުން އައި 2500ރ.ގެ ބަދަލުގައި 5000ރ. އެވެ.

ކައުންސިލް ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 8000ރ. އެވެ. އަދި ނާއިބު ރައީސަށް 6500 ރ. އެވެ.

މީޑިއާ ރެގިއުލޭޓް ކުރުމަށް، މީޑިއާގެ ފަރާތުން އިންތިހާބު ކުރި އަށް މެންބަރުންނާއި ސަރުކާރުން އެ ކައުންސިލަށް ފޮނުވާ ނަންތަކެއްގެ ތެރެއިން އިންތިހާބު ކުރި ހަތް މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ގާނޫނު ލާޒިމު ކުރަނީ މަހަކު ބައްދަލުވުމެކެވެ.

ނަމަވެސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފު މިއަދު ވިދާޅުވީ އެ މިންގަނޑަށް ވުރެ އިތުރަށް ވެސް ޖަލްސާތައް ބޭއްވޭ ކަމަށެވެ.
ނަޒީފު ވިދާޅުވީ މި މަހުގެ މުސާރަ ޝީޓް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނީ ބޮޑު ކުރި މުސާރަ ހިމަނައިގެން ކަމަށެވެ.