ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓީ-20 ބްލާސްޓް ކްރިކެޓް މުބާރާތުގައި މިއަދު ވެސްޓް ސްޕޯޓްސް ކޮޅަށް ލަނޑުގެ ރެކޯޑަކާއެކު 244 ލަނޑުން މޮޅުވެ ސްރީ ލަންކާ ހައިކޮމިޝަންގެ ޓީމު މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގައި ކުޅުނު ފޯރިގަދަ މެޗުގައި މިއަދު ޓޮސް ދިމާވުމުން ކުޅެން އަރައި، ލަންކާ ޓީމުން ވަނީ 20 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 299 ލަނޑު ހަދާފައެވެ.

ޓީ-ޓުވެންޓީ މެޗެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ހަދާފައި ވަނީ، ލަންކާ ގައުމީ ޓީމުން ކެންޔާ ކޮޅަށެވެ. ޖޮހޮނަސްބާގުގައި 2007 ވަނަ އަހަރު ކުޅުނު މެޗުގައި ލަންކާ ޓީމުން ވަނީ 260 ލަނޑު ހަދާފައެވެ.

ލަންކާ ޓީމުން ނިލަންތަ ކޫރޭ 150 ލަނޑު ހަދާފައިވާއިރު އެޓީމުގެ ރޯސަން މަދުރުވާލާ 120 ލަނޑުހެދި އެވެ. ވެސްޓުން ދެވިކެޓް ނެގިއިރު އެ ދެ ވިކެޓުވެސް ނެގީ ރަޖީވް އެވެ.

ހުކުރު ދުވަހު ކުޅުނު މި މެޗުގައި ހާފް ސެންޗަރީ ތަކެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ލަންކާ ޓީމުގެ ހަސަން، ހަތަރު އޯވަރު ތެރޭގައި 52 ލަނޑު، ހަތަރު އޯވަރު ތެރޭގައި 78 ލަނޑު އަދި ތަޖުރިބާކާރު ސާދަތު ވަނީ ހަތަރު އޯވަރު ތެރޭގައި 50 ލަނޑު ހަދާފައެވެ.

ވެސްޓުން ޖަވާބުގައި ކުޅެން އަރައި 17 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 55 ލަނޑެވެ.

ޓީ-20 ބްލާސްޓްގެ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ، ދިވެހި ސިފައިންގެ ކްލަބެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހު ދެމެޗު ކުޅޭނެ އެވެ. ހެނދުނު 8:00ގައި ފަށާ މެޗުގައި ވާދަކުރާނީ މާލޭ ސްޕޯޓްސް ކްލަބާއި ވައިޑީޕީ އެވެ. އަދި ދެވަނަ މެޗްގައި މެންދުރު ފަހު 3:00ގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކުރާނީ ސްރީލަންކާ ހައިކޮމިޝަންގެ ޓީމެވެ.