ސައުތުއެމެރިކާގެ އެންމެ ފަހުގެ ޗެންޕިއަން އުރުގުއާއީ އާއި އޭޝިޔާގެ ޗެންޕިއަން ޖަޕާން ވާދަކުރި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުން އުރުގުއާއީ މޮޅުވެއްޖެ އެވެ.

ޖަޕާންގެ ސަޕޯރޯ ޑޯމްގައި ކުޅުނު މިމެޗު އުރުގުއާއީ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ނުވަ މެޗަށް ސަސްޕެންޑް ކޮށްފައިވާ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒް ޓީމުގައި ނެތި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އުރުގުއާއީ ޓީމަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އެޓީމުގެ ހުނަރުވެރި ފޯވާޑްއެޑިސަން ކަވާނީ އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ޖަޕާންގެ ޑިފެންޑަރު ޓަޓްސުޔާ ސަކާއީއަށް ހެދުނުގޯހެއްގެ ފައިދާނަގައި ކަވާނީ ގޯލަށް ބޯޅަވައްދާލީ ޖަޕާނުގެ ގޯލްކީޕަރު އެޖީ ކަވަޝީމާ ކައިރިން ނައްޓާލައިފައެވެ.

އުރުގުއާއީގެ ދެވަނަ ލަނޑު ޖަހަފައިވަނީ މެޗުގެ 71 ވަނަ މިނިޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޫނު މޫސުމުގެ ޓްރާންސްފާގެ އެންމެފަހު ދުވަހު އިނގިރޭސި ކުލަބް ހަލް ސިޓީއާ ގުޅުނު އެބަލް ހެނާންޑޭޒް އެވެ.

އޭޝިޔާގެ ގަދަބާރެއްކަމަށްވާ ދެކުނު ކޮރެޔާ އާއި ވެނެޒުއޭލާ ބައްދަލު ކުރިމެޗު 3-1 ލަނޑުން ކާމިޔާބު ކޮށްފަވަނީ ދެކުނު ކޮރެޔާ އެވެ. އަންނަ އަންގާރަ ދުވަހު ޖާޕަން ދެން ކުޅޭނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. އުރުގާއާއޭ ނުކުންނީ ހޯމަ ދުވަހު ދެކުނު ކޮރެޔާއާ ދެކޮޅަށެވެ.