05 Sep 2014, 23:35
ބީޖީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަޙްމަދު އަޝްފާނާއެކު އެޓީމުން ވެފައިވާ އެއްބަސްވުން އުވާލައިފި ކަމަށް އަޝްފާން ބުނެފި އެވެ.
ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އަޝްފާން ބުނީ، އޭނާ ޓީމުން ވަކިކޮށްފައިވާ ކަން ބީޖީ ސްޕޯޓްސްގެ މެނޭޖަރު އޭނާއަށް އަންގާފައިވާ ކަމަށެވެ.
"މެނޭޖަރު އަޅުގަނޑަށް އެންގީ ޓީމުގެ ބޯޑުން ވަނީ ނިންމާފައޭ އަޅުގަނޑު ވަކިކޮށްފައިވާ ކަމަށް،" ބީޖީން އޭނާ ވަކުރީ، ޓީމަށް ނޭނގި ރާއްޖެއިން ބޭރަށް ދިއުމުންކަމަށް ބުނެ މޯލްޑިވްސް ސޮކާއަށް އަޝްފާން ބުންޏެވެ.
ބީޖީގެ މެނޭޖަރު އަލީ ރިޒްވާން ސަންއަށް ބުނީ، އަޝްފާން ޓީމުން ވަކި ކުރިކަން ރަސްމީކޮށް އަންގާފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް މައްސަލަތަކެއް އުޅޭތީ އޭނާއާ އެކަން ހިއްސާކޮށްފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކްލަބްގެ ޗެއާމަން މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ، މިވަގުތު އެކަމުގައި އެއްޗެއް ދެންނެވޭކަށް ނެތް. އަޝްފާން ކްލަބުން ވަކިކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ކްލަބުގެ ބޯޑުން. އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް އަޅުގަނޑުމެން ބޯޑު ބައްދަލުވުމެއް ބާއްވާނަން،" ރިޒްވާން ވިދާޅުވި އެވެ.
އަޝްފާން ބުނީ، އޭނާ މިދިޔަ މަހު ކޮޅުނބަށް ދިޔައީ، އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކަށް ބޭސްފަރުވާ ކުރުމަށާއި އަދި އޭނާގެ ދަރިފުޅު ބަލިވެގެން ކަމަށެވެ.
"ކުރިން އަޅުގަނޑު ވާނީ، ދަރިފުޅުގެ ބަލިހާލަތު ހުރިގޮތް ކްލަބުގެ އޮފިޝަލަކާ ހިއްސާކޮށްފައި. އެކަމަކު ފަހުން ފުރަން އުޅޭކަން ކްލަބަކަށް ނާންގަން،" ބީޖީގެ ކެޕްޓަން ބުންޏެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި، އަޝްފާނާ ބީޖީއާ ދޭތެރޭގައި މައްސަލަތަކެއް ޖެހެން މެދުވެރިވީ، ދިވެހި ލީގުގެ ދެވަނަ ބުރުގައި، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ބީޖީ ކުޅުނު މެޗަށް އޭނާ ހާޒިރު ނުވުމުންނެވެ. އެ މެޗުން ބީޖީ ވަނީ 3-1 ލަނޑުން ވިކްޓަރީ އަތުން ބަލިވެފައެވެ.
މިޑްސީޒަން ބްރެކަށް ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލާފައިވާ އިރު، ލީގުގައި މިހާތަނަށް ބީޖީ ކުޅުނު 12 މެޗުން ލިބުނު 6 ޕޮއިންޓާއެކު ބީޖީ އޮތީ ތާވަލުގެ ފުލުގައެވެ.