05 Sep 2014, 23:10
ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި މާދަމާ ރޭ ބައިވެރިވާނޭ ކަމަށް ގައުމީ ޓީމުން ބުނެފި އެވެ.
ދެކުނު ކޮރެއާގެ އިންޗެއޮންގައި މި މަހު ބާއްވާ އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު އަޔާޒް (އަޔާ) ވިދާޅުވީ، ޓީމުގެ ފައިނަލް ސްކޮޑް މިހާރު އެކުލަވާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ސީނިއާ ޓީމުން ދަގަނޑޭއާއި، އަސަދުﷲ އަބްދުﷲ އާއި މުޙައްމަދު އާރިފް (ބަކާ) ހިމެނޭ ކަމަށެވެ.
"ރޭގެ ވަގުތެއްގައި ދަނގަޑޭ ވަނީ މާލެ އައިސްފައި. އަދި މާދަމާރޭ ބާއްވާ ޕްރެކްޓިސްގައި އޭނާ ބައިވެރިވާނެ،" ގައުމީ ޓީމުގެ މެނޭޖަރު ބުންޏެވެ.
ޑްރެގޯ މަމިޗްގެ ކޯޗުކަމުގައި އޭޝިއަން ގޭމްސްއަށް ތައްޔާރުވަމުން އަންނަ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކީ އަލީ ނާޝިދު (އޮގަރު އައްޔަ) އެވެ. ޓީމުގެ 20 ކުޅުންތެރީންގެ ފައިނަލް ސްކޮޑް މިހާރު އެކުލަވާލާފައި ވާއިރު، މެނޭޖަރު ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ސްކޮޑް އިއުލާނުކުރާނޭ ކަމަށެވެ.
އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމު ހިމެނެނީ، ތައިލޭންޑް، އިންޑޯނޭޝިއާ، އީސްޓް ޓީމޯ އާ އެއްފަޅީއެއްގައި މުބާރާތުގެ ގްރޫޕް "އީ"ގަ އެވެ.
މުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމު ކޮރެއާއަށް ފުރުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހު 14 ވަނަ ދުވަހު ވާދަކުރާނީ ތައިލޭންޑުގެ ގައުމީ ޓީމާއެވެ.