ކޮރެއާގެ އިންޗިއޮންގައި މި މަހު ބާއްވާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިގެން 20 ކުޅުންތެރިންގެ ސްކޮޑް ފައިނަލްކޮށްފި އެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ނާޝިދު (އޮގަރު އައްޔަ) މިރޭ ސަންއަށް ބުނީ، ކޮރެއާއަށްދާ 20 ކުޅުންތެރިންގެ ލިސްޓު މިހާރު ފައިނަލްކޮށްފައި ވާކަމަށާއި، އޭގެ ތެރޭގައި ސީނިއާ ޓީމުގެ ތިން ކުޅުންތެރީން ހިމެނޭ ކަމަށެވެ.

"މިހާރު މިވަނީ ފައިނަލް ސްކޮޑް އެކުލަވާލާފައި، އޭގެތެރޭގައި ހިމެނޭ ސިނިއާ ޓީމުގެ ތިން ކުޅުންތެރިންނަކީ، ދަގަނޑޭ، އަސަދުﷲ އަދި ބަކާ،" އައްޔަ ބުންޏެވެ.

އޭޝިއަން ގޭމްސްގައި ކުޅޭ ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު އަޔާޒް (އަޔާ) މިރޭ ވިދާޅުވީ، 20 ކުޅުންތެރިންގެ ސްކޮޑް އިއުލާނު ކުރުމަށް ވަރަށް އަވަހަށް "ޕްރެސް"އެއް ބާވާނެ ކަމަށެވެ.

މެލޭޝިއާގެ ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ ޕޮލިސް ޑިރާޖާ މެލޭޝިއާ (ޕީޑީއާރުއެމް)އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ފޯވާޑު ދަގަނޑޭ ވަނީ، މެލޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން ޕީޑީއާރުއެމްއަށް ޖާގައެއް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދިނުމަށް ފަހު ގައުމީ ޓީމާ ގުޅުމަށް ރޭގެ ވަގުތެއްގައި މާލެ އައިސްފައެވެ.

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމު ހިމެނެނީ، ތައިލޭންޑް، އިންޑޯނޭޝިއާ، އީސްޓް ޓީމޯ އާ އެއްފަޅިއެއްގައި މުބާރާތުގެ ގްރޫޕް "އީ"ގަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމު ކޮރެއާއަށް ފުރުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހު 14 ވަނަ ދުވަހު ވާދަކުރާނީ ތައިލޭންޑުގެ ގައުމީ ޓީމާއެވެ.