ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް ރާއްޖެއިން މިއަހަރު ދާ ހުރިހާ މީހުންނަށްް ވިސާ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރުގެ ނައިބު އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން ޑރ. އައިޝަތު މުނީޒާ 'ސަން' އަށް ވިދާޅުވީ، އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންނާއި ހައްޖަށް ގެންދިއުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ހަތަރު ކުންފުނީގެ ހަވާލުގައި ހައްޖަށްދާ ހުރިހާ މީހުންނަށް ރޭ ވިސާ ޖަހައިދީފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރު ރާއްޖޭން 1000 މީހުން ހައްޖަށްދާނެ ކަމަށެވެ. އެއީ ސަރުކާރުގެ ފަރާތުން ހައްޖަށްދާ 500 މީހުންނާއި ހުއްދަ ދީފައިވާ ހަތަރު ކުންފުނީގެ ފަރާތުން ހައްޖަށްދާ 489 މީހުންނެވެ.

މިއަހަރު ރާއްޖެއިން އެންމެ ފުރަތަމަ ހައްޖަށްދާން ފުރާނީ އެކްރޯ ކުންފުނީގެ ހަވާލުގައިދާ 125 މީހުންނެވެ. އެ މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ފަތިހު އެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށްދާ 500 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. އެގޮތުން، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފުރަތަމަ ހައްޖަށްފުރާ ގްރޫޕުގައި ހިމެނޭ 250 މީހުން ބުރާސްފަތި ދުވަހުގެ ހެނދުނު ފުރަން ހަމަޖެހިފައިވާއިރު، ދެ ވަނަ ގްރޫޕުގައި ހިމެނޭ 238 މީހުން ފުރުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ފަތިހު އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން، ފަތުހު ކުންފުނީގެ ހަވާލުގައި ހައްޖަށްފުރާ 118 މީހުން މިމަހުގެ 15 ވަނަ ދުވަހު ފުރާނެ އެވެ. އަދި ރާއްޖެއިން އެންމެ ފަހުން ހައްޖަށްފުރާ ސިސިލްފަރުގެ ހަވާލުގައި ހައްޖަށްދާ 121 މީހުން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ 16 ވަނަ ދުވަހުގެ ފަތިހު އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންނާ އެމީހުންގެ އެހީތެރިން ހުޅުލެއަށް ދިއުމުގެ ދަތުރު އެމްޓީސީސީ އިން ވަނީ ހިލޭ ފޯރުކޮށްދޭން ނިންމާފަ އެވެ. ހައްޖަށްދާ މީހުން ހުޅުލެއަށްދާން ފުރާނީ ޖުމްހޫރީ މައިދާނުން ކަމަށާއި އެތަނުގައި ހައްޖަށްދާ މީހުންނާއި އެހީތެރިން މަޑު ކޮށްލުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ހައްޖަށް ދިއުމަށްޓަކައި ފުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފުންނާއި ފުލުހުން ހަރަކާތްތެރިވެދެއްވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.