ކައިވެނީގެ ކުރިން ކުރެވޭ އެއްބަސްވުމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން ކުޑަކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާޕާސަން އަނީސާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ކައިވެނީގެ ކުރިން ކުރެވޭ އެއްބަސްވުމާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ލޯ އެންޑް ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނީސާ ވިދާޅުވީ ކައިވެނީގެ ކުރިން ކުރެވޭ އެއްބަސްވުމާއި ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން ކުޑަ ކަމަށާއި މިހާތަނަށް އެ އެއްބަސްވުން ހަދާފައިވާ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވޭ ކަމަށެވެ.

މިއީ ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ސިލްސިލާގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކައިވެނީގެ ކުރިން ކުރެވޭ އެއްބަސްވުމާ މެދު ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ކައިވެންޏަށްފަހު ވަރިވާހިނދު ހާލުގައި ޖެހިގެންދާ އަންހެނުންނާއި ކުޑަކުދިންގެ އަދަދު މަދުކުރުމެވެ.

އެ ޕްރޮގްރާމްގައި 30 މީހުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 18 އަހަރާއި 28 އަހަރާއި ދެމެދުގެ ދެ ޖިންސްގެ ޒުވާނުންނެވެ.

ލޯ އެންޑް ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އެ ޕްރޮގްރާމްގައި ކުރިއަށް ގެންގޮސްފައި ވަނީ ޖެންޑާ ސެންސިޓައިޒޭޝަނާއި ބެހޭ ސެޝަންތަކާއި ކައިވެނީގެ ކުރިންވެވޭ އެއްބަސްވުމާ ބެހޭ ސެޝަންތައް ހިމެނެއެވެ.

ކައިވެނީގެ ކުރިން ކުރެވޭ އެއްބަސްވުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިނެވެ.