18 Jan 2011, 16:22
މިދިޔަ ޑިސެމްބަރު މަހު 30ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 31 ވަނަ ޖަލްސާ އިން ފާސްކުރެއްވި [ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް]، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފި އެވެ.
ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަކީ، ރާއްޖޭގައި ކުރާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގާނެ އޮނިގަނޑެއް އެކުލަވައިލައި، އެ އޮނިގަނޑަށް ޢަމަލު ކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ. މި ޤާނޫނުގައި 6 ބާބެއް ހިމެނިފައިވެ އެވެ. ފުރަތަމަ ބާބަކީ، ޓެކްސް ބިނާކުރާ ގޮތާ ބެހޭ ބާބެވެ. ދެވަނަ ބާބަކީ، ޓެކްސް ދެއްކުން އިސްތިސްނާވާ ބައެވެ. ދެން ހިމަނާފައި ވަނީ، ޓެކްސް ބަޔާނާއި، ޓެކްސް ބިނާކުރުމާއި، ޓެކްސް ދެއްކުމާ ބެހޭ ބާބެވެ. ހަތަރުވަނަ ބާބަކީ، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ބާބެވެ. ފަސްވަނަ ބާބަކީ، ކުށްކުށާއި އަދަބުތަކެވެ. އެންމެފަހު ބާބުގައި ހިމެނެނީ، ޢާންމު އަދި އިތުރު މާއްދާތަކެވެ.
ޓެކްސް ގާނޫނު ފާސްކޮށްފައި ވަނީ އަހަރަކު 500000ރ. އަށް ވުރެ މަތިން ފައިދާ ލިބޭ ފަރާތްތަކުން، އެއަށްވުރެ އިތުރުވާ ބައިން އަހަރަކު 15 ޕަސެންޓްގެ ޓެކުހެއް ނަގާ ގޮތަށެވެ.