ހޮނިހިރު ދުވަހު ކޮލަމްބިޔާއާ ދެކޮޅަށް ބްރެޒިލް ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ބްރެޒިލް ޓީމުގެ ކެޕްޓަނަކަށް ބާސެލޯނާއަށް ކުޅޭ ޒުވާން ފޯވާޑް ނޭމާ ހަމަޖައްސައިފި އެވެ.

އުމުރުން 22 އަހަރުގެ ނޭމާއަށް ކެޕްޓަން ބޭންޑު ހަވާލުކުރުމުން އޭނާ ވެގެންދާނީ މިހާތަނަށް ބްރެޒިލް ޓީމުގެ ކެޕްޓަންކަން ކުރާ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ނޭމާ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ، އާ ކޯޗް ޑުންގާގެ ފުރިހަމަ އިތުބާރާއި ތާއީދާ އެކުއެވެ.

ފެލިޕޭ ސްކޮލާރީގެ ކޯޗު ކަމުގައި މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ބްރެޒިލް ޓީމުގެ ކެޕްޓަންކަން ކުރި، ތިއާގޯ ސިލްވާ، ކޮލަމްބިޔާއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ޓީމު ލިސްޓުގައި ހިމަނާފައެއް ނުވެއެވެ. އެހެން ކަމުން ބްރެޒިލް މިފަހަރު ކުޅޭ އެކުވެރިކަމުގެ މެޗެއްގައި ސިލްވާ ފެންނާނޭ ކަމަކަށް ނުބެލެވެ އެވެ.

ޑުންގާ ބުނީ، އޭނާގެ ޓީމުގެ ކެޕްޓަނެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ނޭމާގެ ކިބައިގައި އެބަ ހުރި ކަމަށެވެ. އަދި ކެޕްޓަންކަން އޭނާއާ ހަވާލުކުރީ ނޭމާ އެކަމަށް ފުރިހަމައަށް ތައްޔާރު ވެފައިވާތީ ކަމަށްވެސް ބްރެޒިލްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވެހުރި ކޯޗު ބުންޏެވެ.

ކޮލަންބިޔާއާ ދެކޮޅަށް ނުކުންއިރު ޑުންގާ ވަނީ ޓީމަށް ޓެކްޓިކަލީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ވޯލްޑް ކަޕްގައި މިފަހަރު ކުޅުނު ތަރިން ކަމަށްވާ، ފޯވާޑް ޖޯއާއި ފްރެޑްގެ އިތުރުން މިޑްފީލްޑަރު ޕައުލީނިއޯ މިހާރުގެ ސްކޮޑްގައި ހިމަނާފައެއް ނުވެއެވެ. އެހެން ނަމަވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު ލިވަޕޫލްގެ މިޑްފީލްޑަރު ފިލިއްޕޭ ކޮޓީނިއޯއަށް ޑުންގާ ވަނީ އަލުން ފުރުސަތު ދީފައެވެ.

ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ ސްކޮޑުގައި ހިމެނުނު 23 ކުޅުންތެރީންގެ ތެރެއިން މި މެޗަށް ޑުންގާ ނަގާފައި ވަނީ އެންމެ 10 ކުޅުންތެރީންނެވެ.

"ނޭމާ ވަނީ އެ މަގާމު ހޯދުމަށް ވަރަށް ރަނގަޅަށް ރައްދުދީފައި. އޭނާއަކީ މޮޅުވާން ބޭނުންވާ، ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ ކުޅުންތެރިއެއް،" ނޭމާއާ ބެހޭގޮތުން ޑުންގާ ބުންޏެވެ.

ޑުންގާ އިތުރަށް ބުނީ، ޓީމުގެ ކެޕްޓަނަކަށް ކުޅުންތެރިއަކު ނަގާއިރު ބަލަން ޖެހެނީ އެހެން ކުޅުންތެރިން ގޮވައިގެން މަސައްކަތް ކުރެވޭ ފަދަ އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ދެއްކޭ ފަދަ ކުޅުންތެރިއެއް ކަމަށެވެ،. އެގޮތުން ނޭމާގެ ކިބައިގައި، ފުޓްބޯޅައިގެ މޮޅު ހުނަރާއި، އޭނާގެ އުމުރާ އަޅާބަލާއިރު، ތަޖުރިބާވެސް ރަނގަޅު ކަމަށެވެ.

"އަހަރެމެން ވާނީ ކެޕްޓަން ބޭންޑެއްގެ ސަބަބުން ލިބޭނޭ އެޑްވާންޓޭޖާއި ޑިސްއެޑްވާންޓޭޖްތައް ނޭމާއަށް ކިޔާދީފައި،" ޑުންގާ ބުންޏެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކޮލަމްބިޔާއާ ދެކޮޅަށް ކުޅެ 2-1 އިން ބްރެޒިލް މޮޅުވި މެޗުގައި ނޭމާގެ މައި ބަދައަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ، މުބާރާތައް އަލްވަދާއެކު ކިޔާފައެވެ. އަދި އޭގެ ފަހުން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1 އިން އަދި ތިންވަނަ ހޮވި މެޗުގައި ނެދަލޭންޑްސް އަތުން 3-0 ލަނޑުން ނޭމާ ނެތި ލަދުވެތި ގޮތަކަށް ބްރެޒިލް ބަލިވެފައިވީ ނަމަވެސް ކޮލަމްބިޔާއާ ދެކޮޅަށް މިފަހަރު ބްރެޒިލް ގޮވައިގެން ދަނޑަށް އަރާނީ ނޭމާއެވެ.