05 Sep 2014, 16:52
މާލޭގެމަގުތަކާއި ގޯޅިތައް އަލިކުރުމުގެ ޚާއްސަ މަސައްކަތެއް ފެށުމަށް ފުލުހުންނާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހައުސިން މިނިސްޓްރީން އެއްބަސްވެއްޖެ އެވެ.
ތިން އިދާރާއިން އެގޮތަށް އެއްބަސްވެފައި ވަނީ މާލޭގެ މަގުތަކާއި ގޯޅިތައް މިހާރަށްވުރެ އަލިކޮށް މަގުމަތީގައި ހިނގާ ކަންކަން ފަސޭހައިން ދެނެގަނެވޭނެ ގޮތްހެދުމުގެގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.
މާލޭގައި އާންމުކޮށް އަނދިރިކޮށް އޮންނަ މަގުތަކާއި ގޯޅިތަކާއި ސަރަހައްދުތައް އަލިކުރުމުގެގޮތުން މަގުތަކުގައި މިހާރު ހުރި އަލި މަޑު ހޮޅިބުރިތަކާއި ލައިޓްފަދަ ތަކެތީގެ ބަދަލުގައި ރަނގަޅު ތަކެތި ހަރުކުރުމަށް ތިން އިދާރާއިން ވެސް ވަނީ އެ ބައްދަލުވުމުގައި އެއްބަސްވެފަ އެވެ.
މާލޭގައި އަނދިރިކޮށް ހުންނަ ތަންތަނުގެ ބޭނުން ކުށްވެރިން ކުށް ކުރުމަށް ބޭނުން ކުރާތީ އެފަދަ ތަންތަނަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަންތަނަށް ހެދުމާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.
"މާލެއަކީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކާ ފުލުހުންގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓުގެ މެމްބަރުންނާއި ސިޓީ ކައުންސިލް އަދި ހައުސިންގް މިނިސްޓްރީއިން ގުޅިގެން މިމަސައްކަތް ވީހާ އަވަހަކަށް ނިންމުމަށް މިބައްދަލުވުމުގައި ވަނީ ނިންމާފައި،" އެ ބައްދަލުވުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.
މާލޭގައި މިފަހަކަށް އައިސް އެކި މީހުންނަށް ތޫނު ހަތިޔާރުން ހަމަލާދިނުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އާންމުގޮތެއްގައި އެފަދަ އަމަލުތައް ހިންގަނީ އަނދިރިކޮށް އޮންނަ ސަރަހައްދުތަކުގައިކަން ފާހަގަކޮށްލެވެއެވެ.