05 Sep 2014, 16:12
ރާއްޖޭގެ މީޑިއާތައް ގުޅިގެން ބޭއްވި ހެލްޕް ގާޒާ ޓެލެތޯނުން އެއްކުރި ފައިސާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގަތަރުގެ ރެޑް ކްރެސެންޓް ސޮސައިޓީ އަށް އިއްޔެ ފޮނުވައިފި އެވެ.
ހެލްޕް ގާޒާ ޓެލެތޯނުގެ ސްޓިއަރިން ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، އިޒުރޭލުގެ އުދުވާނުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ދިވެހި މީޑިއާ އިން އިސްނަގައިގެން މިދިޔަ މަހުގެ އަށެއް އަދި ނުވައެއްގައި ބޭއްވި ޓެލެތޯނުންނާއި ގާޒާ ފަންޑް މޯލްޑިވްސްއާ ގުޅިގެން އެއްކުރި 29.5 މިލިއަން ރުފިޔާ (1.91 ޑޮލަރު) ބީއެމްއެލް މެދުވެރިކޮށް ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ އަށް ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށެވެ.
ޒާހިރު ވިދާޅުވީ، އިއްޔެ ފޮނުވި ފައިސާ އަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ރަމްޒީ ޗެކުގައި ސޮއި ކުރި 29.5 މިލިއަން ރުފިޔާ އަށް ވުރެ 94،922.28 ރުފިޔާ އިތުރު އަދަދެއް ކަމަށެވެ. އެ އަދަދަށް ފައިސާ އިތުރުވީ ގަތަރުގެ ރެޑް ކްރެސެންޓް ސޮސައިޓީއާ އެކު ރަމްޒީ ޗެކުގައި ސޮއި ކުރި ފަހުން އެކި އެކި ފަރާތްތަކުން ބޭންކަށް ފައިސާ ޖަމާކޮށްފައިވާތީ ކަމަށް ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ، ކޮމާޝަލް ބޭންކް އޮފް ގަތަރު ލިމިޓެޑް ދޯހާގައި އޮންނަ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީގެ އެކައުންޓަށް އެ އަދަދަށް ޑޮލަރު، ބޭންކް އޮފް މޯލްޑިވްސް އިން ފޮނުވައިދިނީ އެއްވެސް ކޮމިޝަނަކާ ނުލައި ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓުން ޖެހޭ އަދަދު ކަމަށެވެ.
ގަތަރު ރެޑް ކްރެސެންޓަށް ފައިސާ ފޮނުވުމާ އެކު ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް އާއި ޣައްޒާ ފަންޑް މޯލްޑިވްސް އާއި ހެލްޕް ގާޒާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ދޮރު މިހާރު ބަންދުކޮށްފައިވާ ޒާހިރު ވިދާޅުވި އެވެ. އަދި އެ އެކައުންޓްތައް ވަރަށް އަވަހަށް ބަންދު ކުރާނެ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
ދިވެހި މީޑިއާ އާއި ޣައްޒާ ފަންޑް މޯލްޑިވްސް އާއި ގަތަރުގެ ރެޑް ކްރެސެންޓް ސޮސައިޓީއާ ތިން ފަރާތުން އެއްބަސްވެފައިވާ ގޮތުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިން ވެދެއްވި އެހީގެ ފައިސާ ހަރަދު ކުރަން ޖެހޭނީ ބޯފެނާއި ބޭހާއި ކާނާ އަށެވެ. އަދި އެ އެހީ ލަސްވެގެން 90 ދުވަހުގެ ތެރޭގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހެ އެވެ. އެ އެހީ އެ ފަރާތްތަކަށް ރައްދު ކުރުމަށް ފަހު ހެލްޕް ޣައްޒާގެ ސްޓިއަރިން ކޮމެޓީ އާއި ޣައްޒާ ފަންޑް މޯލްޑިވްސްގެ މަސްއޫލު ފަރާތްތަކަށް އެކަން އެންގުމަށް ވެސް ތިން ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
ޒާހިރު ވިދާޅުވީ އެ ފައިސާ ހަރަދުކޮށް ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދެވެންދެން ހެލްޕް ގާޒާގެ ސްޓިއަރިން ކޮމެޓީގެ ފަރާތުން އެކަން ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށެވެ.
ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިން އެހީ ޑޮލަރަށް ބަދަލުކޮށް ދިނުމަށް ދިވެހި ސަރުކާރުން ވެދިން އެހީތެރިކަމަށް ސަރުކާރަށާއި އެމްއެމްއޭ އާއި ބީއެމްއެލްއަށް ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީގެ ނަމުގަޔާއި ގައްޒާ ފަންޑް މޯލްޑިވްސްގެ މަސްއޫލުވެރިންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފަރާތުން ދިން އެހީތެރި ކަމަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް އިތުބާރުކޮށް ދިވެހި އެންމެހާ ރައްޔިތުން ދެއްވި ދީލަތި އެހީއަށްޓަކައި ހިފެހެއްޓުމެއް ނެތް ޝުކުރު ދިވެހި ރައްޔިތުންނަށް އަރިސް ކުރަން. އަޅުގަނޑުމެން ޔަގީން ކުރަނީ އަޅުގަނޑުމެންނާ ތިޔަ ބޭފުޅުން ހަވާލު ކުރި އަމާނާތް ތެދުވެރިކަމާ އެކު އަދާ ކުރެވިއްޖެ ކަމަށް. ހެލްޕް ގާޒާގެ ނަމުގައި ޓެލެތޯނެއް ހިންގުނީ ދިވެހި މީޑިއާގެ އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމުންކަން އަޅުގަނޑުމެން ހަނދާން ކުރަން. އެކަމަށްޓަކައި ދިވެހި މީޑިއާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން. އަދި އިސްލާމިކް ބޭންކާއި ހާއްސަކޮށް ދިވެހި ބޭންކުން ވެދެއްވި އެހީތެރިކަމަށް ޓަކައި އެ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަން،" ހެލްޕް ގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމެޓީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.