05 Sep 2014, 15:52
މީގެ 16 ދުވަސްކުރިން ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަންއިން 16 މިލިއަން ޕައުންޑުގެ އަގަކަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އާޖެންޓީނާ ޑިފެންޑަރު މާކޯސް ރޮޖޯއަށް އިނގިރޭސިވިލާތުން ވިސާ ލިބިއްޖެ އެވެ.
ރޮޖޯއާ ބެހޭގޮތުން އާޖެންޓީނާގެ ކޯޓަކަށް 2010 ވަނަ އަހަރު ހުށަހެޅުނު މައްސަލައެއް ކުރިއަށްދާތީ އޭނާއަށް މަސައްކަތްކުރުމުގެ ވިސާ ނުލިބި އޮތް ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ޔޫކޭގެ ބޯޑާ އޭޖެންސީން ރޮޖޯއަށް ވިސާ ދޫކުރުމަށް އެއްބަސް ވެފައިވާ ކަމަށާއި، އެހެން ކަމުން މިމަހު 14 ވަނަ ދުވަހު ކުއީން ޕާކް ރޭންޖާސް (ކިއުޕީއާރު) އާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ރޮޖޯއަށް ކުޅެވޭނެ ކަމަށެވެ.
The UK Border Agency has agreed to grant#mufcdefender@MarcosRojo5a visa and he will therefore be available to face QPR on 14 September.
— Manchester United (@ManUtd)September 4, 2014
ރޮޖޯގެ ލޯޔަރު، ފެނާންޑޯ ބާލެންޑޯ ވިދާޅުވީ، އޭނާގެ ކްލަޔަންޓާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ކައިރި މުސްތަގުބަލެއްގައި ހައްލު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކޯޓުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ރޮޖޯއަށް އަދަބެއްގެ ގޮތުގައި ވަ ކިމުއްދަތަކަށް ކޮމިއުނިޓީ މަސައްކަތްތެރިއެއް ގޮތުގައި އުޅެން ޖެހިދާނޭ ކަމަށް ވެސް ލޯޔަރު ވިދާޅުވި އެވެ.
ރޮޖޯ ޔުނައިޓެޑަށް ސޮއިކުރި ފަހުން އޭނާއަށް ވަނީ މިހާތަނަށް ތިން މެޗު ގެއްލިފައެވެ. އެގޮތުން ޕްރިމިއަ ލީގުގައި ސަންޑަލޭންޑް އަތުން 1-1 އިން އެއްވަރުވި މެޗާއި، ބާންލީއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗާއި އަދި ކެޕިޓަލް ވަން ކަޕްގައި 4-0 އިން އެމްކޭ ޑޮންސް އަތުން ޔުނައިޓެޑް ބަލިވި މެޗު ހިމެނެ އެވެ.