05 Sep 2014, 15:12
ނިއުޕޯޓް (ސެޕްޓެމްބަރ 5): އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތަކީ ހަމައެކަނި އިރާގާއި ހުޅަނގުގެ ގައުމު ތަކަށްއޮތް ބިރެއްނޫން ކަމަށާ އެއީ މުޅިބައިނަލްއަގްވާމީ މުޖްތަމައަށް އޮތް ބިރެއްކަމަށް އިނގިރޭސިވިލާތުގައި ކުރިޔަށްދާ ނޭޓޯގެ އިސްވެރިންގެ ސަމިޓުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ވޭލްޒްގެ ނިއުޕޯޓްގައި އިއްޔެ ފެށުނު ނޭޓޯގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ގެ އެޖެންޑާ މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައިވަނީ އައިއެސް ޖަމާއަތާއި ކުރިމަތިލައި އެ ޖަމާއަތް ހުއްޓުވާނެ ގޮތުގެ ސްޓްރެޓެޖީއެއް އެކަށައެޅުމާއި ޔުކްރޭންގެ މައްސަލައިގެ ތެރެއަށް ރަޝިޔާ ވަންނަމުންދާ މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް އަޅަންޖެހޭ ދަތިކުރުމުގެ ފިޔަވަޅުތައް ކަނޑައެޅުމާ ބެހޭގޮތުންނެވެ.
ނޭޓޯގެ ސަމިޓްގައި ވާހަކަ ދެއްކެވި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ލީޑަރުންވަނީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އައިއެސް ޖަމާއަތް މައިތިރިކުރަން ޖެހޭ ކަމަށް ވިދާޅުވެ އެ ޖަމާއަތް ފުނޑުފުނޑު ކޮށްލާނެ ގޮތުގެ ސްޓްރެޓެޖީއެއް އެކުވަލާނެކަން ހާމަ ކުރައްވާފައެވެ.
ނޭޓޯގެ ސަމިޓްގައި ވާހަކަ ދައްކަވަމުން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވިދާޅުވީ އައިއެސް އާ ހަނގުރާމަ ކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި ވަސީލަތްތަކާއި ޖާސޫސީ މައްލޫމާތާއި ތަމްރީން އިރާގު ސިފައިންނަށް ދިނުމަށް ނޭޓޯގެ ލީޑަރުން އެއްބަސްވެވަޑައިގަންނަވާ ކަމުގައެވެ.
ރަސްމޯސަން ވިދާޅުވީ އައިއެސް ޖަމާއަތް ހުއްޓުވުމަކީ މުޅި ބައިނަލްއަގްވާމީ މުޖްތަމައުގެ މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް އައިއެސް އާ ހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ޖޫސޫސީ މަޢްލޫމާތު އިރާގު ސިފައިންނަށް އިރާގަށް ފޯރުކޮށްދެވޭނީ އިރާގު ސަރުކާރުން މިކަމަށް އެދިއްޖެ ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އިރާގުގެ ސުންނީންގެ ވިލެޖަކަށް އަރައި އިއްޔެވެސް 50 އަށް ވުރެގިނަމީހުން ވަގަށް ނަގާފައިވާއިރު އެއީ އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރެއަށް ގަދަބާރުން ވެއްދުމުގެ ބޭނުމުގައި ވަގަށްނެގި ބައެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އައިއެސް އިން ގެންދަނީ އިރާގުގެ އުތުރު ސަރަހައްދުތަކުގައި ދިރިއުޅޭ އެ ޖަމާއަތުގެ ފިކުރަށް ތާއީދު ނުކުރާ މުސްލިމުންވެސް ކާފަރުންނަށް ހަދައި އެމީހުންގެ ލޭ ހުއްދަކުރަމުންނެވެ. އަދި އައިއެސްގެ ޝިކާރައަކަށް އެ ޖަމާއަތުން ހަދަމުން ގެންދަނީ އެމެރިކާއާއި ޔޫރަޕްގެ މީހުންނަށްވުރެ ގިނައިން އިރާގާއި ސޫރިޔާގެ ކުށެއްނެތް އާއިލާތަކެވެ. މީގެތެރޭގައި ސުންނީ މުސްލިމުން ވެސް ހިމެނެއެެވެ.
ނޭޓޯގެ ސަމިޓްގައި ވާހަކަ ދެއްކެވި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ވިދާޅުވީ އައިއެސް އާ ހަނގުރާމަކުރަމުން ގެންދާ އިރާގުގެ ކުރުދީ ހަނގުރާމަވެރިންނަށް އިނގިރޭސިވިލާތުން ޒަމާނީ ހަތިޔާރާއި އެނޫން ވަސީލަތްތައް ފޯރުކޮށްދޭނެ ކަމުގައެވެ. ނޭޓޯ މެދުވެރިކޮށް ނޫނީ އިނގިރޭސި ސަރުކާރުން އެކަހެރި ގޮތެއްގައިވެސް ކުުރުދީންނަށް ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ކެމަރޮން ވިދާޅުވިއެވެ.
ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް އާއި ޖަރުމަނުވިލާތުގެ ޗާންސެލަރު އެންޖެލާ މާކަލްވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އައިއެސް ޖަމާއަތް ފުނޑުފުނޑުކޮށްލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އައިއެސް އަކީ އިރާގުގައި އެމެރިކާ ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތެރެއިންނާއި އެމެރިކާ އިރާގުގައި އުފެއްދި ޝިޔަޢީންގެ ވެރިކަމުގެ ނިޒާމުގެ އަނިޔާވެރިކަމުގެ ތެރެއިން އުފަންވެފައިވާ ބަދަލުހިފުމުގެ ރޫހުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ. މިޖަމާއަތުގެ އަނިޔާވެރިކަން އިރާގުގެ ޝިޔައީންނާއި ސުންނީންވެސް ތަޙައްމަލް ކުރަންޖެހިފައިވާއިރު އެމެރިކާއާއި ހުޅަނގުގެ ބާރުތަކަށްވެސް މިހާރުވަނީ އިރާގުގައި އެމީހުން ހިންގާފައިވާ އަނިޔާވެރި އަމަލުތަކާއި ޖަރީމާތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން އައިއެސް ޖަމާއަތުން ދާދި ފަހުން ވަނީ އެމެރިކާގެ ދެމީހެއްގެ ކަރުބުރިކޮށް އެ ދެމީހުން ކަތިލާ މަންޒަރު ދައްކައިދޭ ވީޑިޔޯއެއް އާންމު ކޮށްފައެވެ.
ނޭޓޯގެ ލީޑަރުން އައިއެސްގެ ދުވަސް ދުއްވާލާނެކަމަށް ބުނިނަމަވެސް ވައިގެ މަގުން ހަމަލާދީގެން އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލުމަކީ އެމެރިކާއަށާއި ނޭޓޯގެ އެހެން ގައުމުތަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެއްގަމު މަގުން އައިއެސްގެ ހަނގުރާމަވެރިންފަދަ ޕްރޮފެޝަނަލް ބަޔަކާ ކުރިމަތިލާން ނޭޓޯގެ ބާރުތަކަށް ނުކެެރޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭގައި އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ބަޢްޘު ޕާޓީގެ މެންބަރުންނާއި ސައްދާމްގެ ދުވަސްވަރު އިރާގު ސިފައިންގެ އިސް ޖެނެރަލުންނާއި ކޮމާންޑަރުންނާއި ކުރީގެ ޖުމްހޫރީ ލަޝްކަރުގެ ސިފައިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)