05 Sep 2014, 15:07
ނިއުޕޯޓް (ސެޕްޓެމްބަރ 5): ޔުކްރޭންގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް މިއަދު އަމުރު ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ބިތްރޯ ބޯޝިންކޯއާއި އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރު ޒައްޚާރު ޗިންކޯ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ވޭލްޒްގައި ކުރިޔަށްދާ ނޭޓޯގެ ސަމިޓްގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި ޔުކްރޭންގެ ރައީސް ބޯޝިންކޯ ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް ޔުކްރޭންގެ ސިފައިންގެ ކޮމާންޑަރަށް މިއަދު އަމުރު ކުރައްވާނެ ކަމަށާ ނަމަވެސް މިކަން ކުރައްވާނީ ޔުކްރޭނާއި ރަޝިޔާގެ މަސްއޫލުވެރިންނާއެކު ޔޫރަޕްގެ އަމަނާއި އެއްބާރުލުމާބެހޭ ޖަމްއިއްޔާއިން ބެލަރޫސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ކުރިޔަށް ގެންދިޔުމުން ކަމުގައެވެ.
ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރު ޒައްޚާރު ޗިންކޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބެލަރޫސްގައި ބާއްވާ ބައްދަލުވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ސުލްހައިގެ އެއްބަސްވުމުގައި ޔުކްރޭން ސަރުކާރުން ސޮއިކުރުމާއެކު ހަމަލާތައް ހުއްޓާލުމަށް އިދިކޮޅު ހަނގުރާމަވެރިންނަށް އަމުރު ކުރައްވާނެ ކަމުގައެވެ.
ޔުކްރޭނާއި ރަޝިޔާގެ މަސްއޫލުވެރިންނާއެކު ޔޫރަޕްގެ އަމަނާއި އެއްބާރުލުމާބެހޭ ޖަމްއިއްޔާއިން ބެލަރޫސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ސުލްހައިގެ ޕްލޭނަކީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އިސްނަންގަވައިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ.
މިޕްލޭނަށް ޔުކްރޭން ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންގެ ރުހުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)