އެމްޑީޕީ ސަރުކާރަކީ އިސްލާމްދީނާ ދެކޮޅަށް ކަނޑައެޅިގެން މަސައްކަތް ކުރާ، އަދި އެހެން ދީންތަކަށް ދިވެހި މުޖުތަމައު އިން ޖާގަދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ސަރުކާރެއް ކަމަށް، ވެރިކަންކުރާ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އިންޑިޔާގައި އިނގިރޭސި ބަހުން ނެރޭ މަޖައްލާއެއް ކަމަށްވާ "ދަވީކް"ގެ 16 ޖެނުއަރީގެ އަދަދަށް ދިވެހި ސަރުކާރުގެ އިސް ބައެއް ވެރިން ރާއްޖޭގެ އިސްލާމީ މުއައްސަސާތަކާއި ދަންނަބޭކަލުންނާ ބެހޭ ގޮތުން ދެއްވާފައިވާ އިންޓަވިއުތަކުގައި އަދާލަތު ޕާޓީ އާއި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޝެއިހް އިލްޔާސް ހުސައިން ވަރަށް ބޮޑަށް ބަދުނާމުކޮށްފައިވާތީ އަދާލަތުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނަނީ، ދީނީ ދަންނަ ބޭކަލުންނަށް އެންމެ ފުރިހަމަ ގޮތުގައި ނަސޭހަތް ދިނުމުގެ ފުރުސަތު ތަނަސްވަސްކޮށްދީފައި ވަނީ މިއަދުގެ ސަރުކާރުން ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ އެމަނިކުފާނު ހެއްދެވި އިތުރު ފުޅެއް ކަމަށެވެ. އަދި ރާއްޖޭގައި ތިއްބެވި ދީނީ އިލްމްވެރިންނާއި ދިވެހި ގައުމު ބޭރުދުނިޔޭގައި ބަދުނާމުވާ ގޮތަށް ތަފާތު ވާހަކަތައް ރައީސް ނަޝީދު ދައްކަވަމުންގެންދަވާ ކަމަށް ވެސް އަދާލަތުން ބުނެ އެވެ.

"...ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅު މަޑުއްވަރީ އަށް ކުރެއްވި ދަތުރު ފުޅުގައި އެ ރަށުގައި އިންތިޒާމް ކުރެވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ، 'ދީނީ ދަންނަ ބޭކަލުންނަށް އެންމެ ފުރިހަ ގޮތުގައި ނަޞޭހަތް ދިނުމުގެ ފުރުޞަތު ތަނަސްވަސްކޮށްދީފައި ވަނީ މިއަދުގެ ސަރުކާރުންނެވެ. އެމަނިކުފާނުގެ މިބަސްފުޅަކީ ހެއްދެވި އިތުރުފުޅެއްކަން އިސްވެދިޔަ ވާހަކަތަކުން އެނގެ އެވެ. ދެހާސް ދިހަ ވަނަ އަހަރުގައި ސަރުކާރުން ފެނިގެން މިދިޔައީ، އިސްލާމްދީނާ ދެކޮޅަށް ކަނޑައެޅިގެން މަސައްކަތް ކުރާ، އަދި އެހެންދީންތަކަށް އިސްލާމީ މިމުޖުތަމުޢުން ޖާގަ ދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ސަރުކާރެއްގެ ގޮތުގައެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ދަ ވީކް މަޖައްލާގައި ރާއްޖެ އާ ބެހޭ ގޮތުން ޝާއިއު ކުރި ލިޔުމާ ބެހޭ ގޮތުން އަދާލަތުން ބުނެފައި ވަނީ، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އަދި ހޯމް މިނިސްޓަރު ހަސަން އަފީފު ދައްކަވާފައިވާ ވާހަކަތަކުން ރާއްޖޭގައި ހުރި ދީނީ މުއައްސަސާތަކާއި ރާއްޖޭގައި ތިއްބެވި ދީނީ ދަންނަ ބޭކަލުންނަށް އިހާނެތި ބަސްތަކެއް ރައްދުކޮށްފައިވާ ކަމަށާއި އެކަމުން އަދާލަތު ޕާޓީ އާއި ދިވެހި ގައުމު ބޭރުދުނިޔޭގައި ބަދުނާމުވަމުން ދާކަމަށެވެ.
"ޑޮކްޓަރު ޝަހީދުގެ ވާހަކަފުޅުގައި ހާމަކޮށްފައި ވަނީ ދީނީ ދަރުސްތައްދީ ހަދައިއުޅެނީ ފައިސާގެ ބޭނުމުގައި ކަމަށާއި ދީނީ ކަންކަމުގައި މުޒާހަރާތަކަށް އެއްވާ މީހުންނަކީ ވަރަށް މަދުބައެއްކަމަށާއި އެއީ ސުވަރުގެ ދާހިތުން އުޅޭ ބައެއްކަމަށް ބުނެ މަލާމާތްކުރައްވައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. އަދި މިހާރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ހަސަން އަފީފް ވިދާޅުވެފައި ވަނީ ހަރުކަށިކަން ފެތުރިގެން އަންނަނީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިން ކަމަށާއި މިފަދަ ދަށުދަރަޖައިގެ އެތައް ވާހަކަތައް ދައްކަވާފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

ދަ ވީކް މަޖައްލާގެ ފަހުގެ އަދަދުގައި "އަ މެލްވޮލެންޓް"ގެ ނަމުގައި ލިޔެފައިވާ ތަހުލީލު ލިޔުމުގައި ލިޔެފައި ވަނީ ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުން އޫޅޭ ކަމަށާއި އަދި އެފަދަ ގުރޫޕުތަކާއި ރާއްޖޭގައި ތިބޭ ބައެއް މީހުންނާ ގުޅުން އޮންނަ ކަމަށެވެ. އަދި އިންޑިއާގެ ތާޖް ހޮޓަލަށް ނޮވެމްބަރު 26، 2008 ގައި ދިން ޓެރަރިސްޓް ހަމަލާގައި ދިވެހިން ޝާމިލްވާ ކަމަށް އެ ލިޔުމުގައި ބުނެ އެވެ.
އެ ލިޔުމަށް އަފީފް ދެއްވި އިންޓަވިއުގައި، ރާއްޖޭގައި ހަރުކަށި ހިޔާލުގެ މީހުން އުޅޭ ކަމަށާއި އެފަދަ މީހުން އުފެދެނީ ސައުދީ އަރަބިއްޔާ އިން ތައުލީމު ހާސިލްކުރުމުން ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި އަދާލަތުން ވަނީ ސަރުކާރުގެ ވާހަކަތައް އެފަދަ ގޮތަކަށް ހުރުމުން ބޭރު ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ޑޮކްޓަރު ޝަހީދުގެ ވާހަކަފުޅުގައި ހާމަކޮށްފައި ވަނީ ދީނީ ދަރުސްތައްދީ ހަދައިއުޅެނީ ފައިސާގެ ބޭނުމުގައި ކަމަށާއި ދީނީ ކަންކަމުގައި މުޒާހަރާތަކަށް އެއްވާ މީހުންނަކީ ވަރަށް މަދުބައެއްކަމަށާއި އެއީ ސުވަރުގެ ދާހިތުން އުޅޭ ބައެއްކަމަށް ބުނެ މަލާމާތްކުރައްވައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. އަދި މިހާރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ޙަސަން ޢަފީފް ވިދާޅުވެފައި ވަނީ ހަރުކަށިކަން ފެތުރިގެން އަންނަނީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިން ކަމަށާއި މިފަދަ ދަށުދަރަޖައިގެ އެތައް ވާހަކަތައް ދައްކަވާފައިވެ އެވެ." އެ ބަޔާނުގައިވެ އެވެ.