ނިއުދިއްލީ (ސެޕްޓެމްބަރ 5): އިންޑިޔަން ސަބްކޮންޓިނެންޓްގައި އަލްގާއިދާގެ ގޮތްޕެއް އުފައްދާފައިވާ ކަމަށް އެޖަމާއަތުން އިޢްލާން ކުރުމާ ގުޅިގެން އިންޑިޔާގެ މައި ސަރުކާރުން އެގައުމުގެ ބައެއް ސްޓޭޓްތަކަށް ނުރައްކަލުގެ މެސެޖްތައްދީ ސަލާމަތީ ގޮތުން ތައްޔާރީ ޙާލަތުގައި ތިބުމަށް އަންގައިފި އެވެ.

އިންޑިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކާ ހަވާލާދީ ރޮއިޓާސް ބުނީ އެގައުމުގެ މައި ސަރުކާރުގެ މިފިޔަވަޅަކީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށާ އިންޑިޔާގެ ބިމުގައި އަލްގާއިދާގެ ވުޖޫދެއް ވާކަމުގެ ހެއްކެތް ފެންނަން ނެތްކަމުގަ އެވެ. އިންޑިޔަން ސަބްކޮންޓިނެންޓްގައި އަލްގާއިދާގެ ގޮތްޕެއް އުފައްދާފައިވާކަން އިއްލާން ކޮށްފައި ވަނީ އެޖަމާއަތުގެ ލީޑަރު އައިމަނުއްޒަވާހިރީ މީގެ ދެ ދުވަސް ކުރިން ނެރެފައިވާ ވީޑިޔޯ މެސެޖެއްގަ އެވެ.

އައްޒަވާހިރީގެ މިވީޑިޔޯއާ ގުޅިގެން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިންޑިޔާގެ މައި ސަރުކާރުގެ ދާޚިލީ ވަޒީރު ރަޖްނަތް ސިންގް، އެގައުމުގެ ޖާސޫސީ ކަންތައްތަކާ ބެހޭ އިސް މަސްއޫލުވެރިންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަލްގާއިދާގެ ލީޑަރުގެ މި ވީޑިޔޯ މެސެޖަކީ އެޖަމާއަތާ އިދިކޮޅު ތަކްފިރީ އެހެން ޖަމާއަތެއް ކަމަށްވާ އިރާގާއި ސޫރިޔާގެ އައިއެސް ޖަމާއަތުގެ ބާރުގަދަވެ އަލްގާއިދާ ބަލިކަށިވަމުން ދާތީ އައިއެސް އަށް ގޮންޖެހުމުގެ ގޮތުން ދީފައިވާ މެސެޖެއްކަމަށް ބެލެވޭ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އިންޑިޔާގެ ޖާސޫސީ އިދާރާގެ ފަންނީ ތަޖްރިބާކާރުން، ޒަވާހިރީގެ މެސެޖް ދިރާސާކޮށް ތަހްލީލް ކުރަމުން ގެންދާކަމަށް އެގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.(ރޮއިޓާސް)