05 Sep 2014, 10:20
މަސްވެރިކަމުން އުފައްދާ ތަކެތި ގަތުމަށް ބާރުއަޅަންޖެހޭ ކަމަށާއި ދަރިން ބޮޑެތިވެގެން ގުދުރަތީ މުއްސަނދިކަން ދެމެހެއްޓުމުގެ ވާހަކަ ދައްކަންދެން މަޑުކުރެވެން ނެތްކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ހޮންގްކޮންގައި މިހާރު ކުރިއަށްދާ ސީފުޑް އެކްސްޕޯ އޭޝިއާގެ ބައިވެރިންނާ މުހާތަބުކުރައްވއި ވާހަކަފުޅު ދައްކަވަމުން މިނސްޓަރު ވިދާޅުވީ، މަހުގެ ވިޔަފާރިކުރާ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ ކަޅުބިލަމަހުގެ މަސްވެރިކަން ފަދަ މަސްވެރިކަމުގައި ބާނާ މަހަށް އިތުރަށް ސަމާލުކަންދީ އެ ގަތުމަށް ބާރުއަޅަން ޖެހޭ ކަމަށާއި ދަރިން ބޮޑުވަންދެން އެވާހަކަ ދައްކަދައްކަން ތިބެވެން ނެތް ކަމަށެވެ.
"މަސްވެރިން ބާނާ މަހަށް އިތުރަށް ސަމާލުކަންދީ އެފަދަ މަހާއި މަހުން އުފައްދާތަކެތި ގަތުމަށް ބާރުއަޅަންޖެހޭ. އަޅުގަނޑުމެންގެ ދަރިން ބޮޑެތިވެގެން އަޅުގަނޑުމެންގެ ގުދުރަތީ މުއްސަނދިކަން ދަމަހައްޓަން ވާހަކަދެއްމަށް މިއަދު މަޑުކުރެވޭކަށް ނެތް،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދުގައި މަސްވެރިން ކުޅެމުންދާ ދައުރާއި ދެމެހެއްޓެނިވި މަސްވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވއި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމުތަކުގެ ސަރުކާރާއި ޖަމާއަތްތަކާއި ގުދުރަތީ ވަސީލަތްތަށް ބޭނުންކޮށްގެން ވިޔަފާރިހިންގާ ފަރާތްތަކުން މިހާރުންމިހާރަށް އެކަމަށް ހައްލުހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އޭގެއިތުރުން މިއަދު އެކަމަށް ސްޓްވަޑްޝިޕް ކައުންސިލްގެ އުސޫލުތަކުގެ ތެރެއިން ހައްލު ހޯދިދާނެކަމަށް އިޝާރާތްކުރައްވައި އެރޮނގުން މަސައްކަތް ކުރުމަށާއި އެކަމަށް ބޭނުންވަނީ އިހްލާސްތެރިކަމާއެކު ކުރިމަތިލައިގެން ކާމިޔާބު ހޯދުން ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހޮންކޮންގުގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ އެކްސްޕޯގައި ރާއްޖޭގެ މަހަށް އިތުރު މާކެޓް ހޯދުމަށް މަސައްކަތް ކުރާއިރު އެ އެކްސްޕޯގައި މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މިފްކޯ ވެސް ބައިވެރިވެ އެވެ.