މިނިވަންނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތަހުގީގަށް ނަގާފައިވާ ބައެއް ސާމްޕަލްތައް އިތުރަށް ތަހުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތަހުގީގުގެ ބޭނުމަށް، މިހާތަނަށް ބަލައިފާސްކޮށް މާއްދީހެކި ހޯދުމަށްނެގިފައިވާ ބައެއް ސާމްޕަލްތައް އިތުރަށް ތަހުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރިޟްވާން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބައެއް ކާރުތައް ބަލައިފާސްކޮށް ދެ ކާރެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ކާރުތަކުން ނެގިފައިވާ ސާންޕަލްތައް ތަހުލީލު ކުރުމަށްޓަކައި ފޮރެންސިކް ޑިޕާޓްމަންޓަށް ފޮނުވި ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިޟްވާން ގެއްލުނު ފަހުން އޭނާއާ ގުޅުން ހުރިކަމަށް ތަހުގީގަށް ބެލެވޭ އެއްވެސް ނިޝާނެއް ފެނޭތޯ ހުޅުމާލޭގެ ފަޅުތެރެއާއި، ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ހުޅުމާލޭ ފަޅުގެ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީތަކާއި އޮޑިދޯނިފަހަރު ބަލައި ފާސްކުރެވިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 18 އުޅަނދެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"މިމައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ހަތަރު މީހަކު ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ފުރުން މަނާކުރެވިފައެވެ. މީގެ އިތުރުން އަޙްމަދު ރިޟްވާން އަބްދުﷲ ދަތުރުކޮށްފައިވާކަމަށް ބެލެވޭ މަގުތަކުގައި ހުރި ސެލް ޓަވަރުތަކަށް ހިޓްވެފައިވާ 638000 އަށްވުރެ ގިނަ ފޯނުނަންބަރުތައް އެނަލައިޒް ކުރެވެމުންދެއެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ރިޟުވާން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް މާލެއިން އަށް ގެއެއް ބަލައި ފާސްކުރެވިފައިރު، ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭގޮތުން 139 އަށް ވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މީގެ އިތުރުން މުޅިހުޅުމާލޭގެ ބީޗް ސަރަހައްދާއި، އެންމެހާ ހުސްބިންތަކާއި، ވަށައިގެންވާ މޫދުގެ ސަރަހައްދު އަދި ކަނޑުގެ ސަރަހައްދުތައް ޑައިވްކޮށް ބެލިފައިވެއެވެ. އަދި ކުރިންވެސް ދެންނެވި ފަދައިން ހުޅުމާލޭ ކައިރިން އޮންނަ ފަރުކޮޅުފުށީގެ ހުރިހާ ސަރަހައްދެއް ތަކުރާރުކޮށް ބަލައި ފާސްކުރެވިފައި ވެއެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ ހުޅުމާލެއާއި މާލޭގެ އިތުރުން ވިލިމާލޭގެ ހުސްބިން ހިމެނޭ ބައެއް ސަރަހައްދު ތަކާއި ގޮނޑުދޮށް އަދި ހަތަރު ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އެ މައްސަލައާ ގުޅިގެން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގެތައް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ރިޟްވާން އަބްދުﷲ ހޯދުމަށް ކުރެވޭ ތަހުގީގުގެ މަސައްކަތުގައި މިހާތަނަށް 111 މީހުންނާ ސުވާލުކޮށް ބަޔާން ނެގިފައިވާއިރު 318 މީހަކާ ސުވާލުކޮށް މައުލޫމާތު ނެގިފައިވެއެވެ. އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕަޓްމަންޓަށްގޮސް އެތަންތަނުގައި ދިރިއުޅޭ މީހުންނާ ސުވާލުކުރެވި މަޢުލޫމާތު އެއްކުރެވިފައި ވެއެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެރޭ، މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލްއާއި، ހުޅުމާލޭއަށް ދަތުރުކުރި ފެރީއާއި ހުޅުމާލޭގެ ފެރީޓާމިނަލް އަދި ހުޅުމާލޭގެ އެއްވެސް ތަނަކުން ރިޟުވާން ފެނިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 ނުވަތަ 119 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި އެފަދަ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.