04 Sep 2014, 23:49
ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާ އުސޫލު ބާތިލް ކުރުމަށް ގާނޫނީ ވަކީލުންތަކެއް ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރާއި ހަސަން ފިޔާޒެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި މާކްސް ލިބޭ ތަރުތީބުން ވޯޓަށް އަހަންޖެހޭގޮތަށް އެ އުސޫލުގައި ކަނޑައަޅާފައި ވުމުން އެންމެ ގާބިލް މީހަކު ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ފުރުސަތު ކުޑަވާތީ ކަމަށެވެ.
"މިސާލަކަށް އެއްވަނައަށް ދިޔަ މީހާ އަށް ލިބިދާނެ 98 ޕަސެންޓް. ނުވަތަ 95 ޕަސެންޓް ވެސް. އެކަމަކު ދެވަނައަށް އަންނަ މީހާ އޮންނަނީ 90 ނޫނީ 80 ނޫނީ 85 ގައި. ތިން ވަނައަށް އޮންނަ މީހާ އޮވެދާނެ 80 ގައި. ފަސް ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން މާކްސް ލިބުނު ތަރުތީބުން ވޯޓަށް އަހަނީ. ސިއްރު ވޯޓެއް މި ނަގަނީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ވަކި ވަކިން. އެހެންނަގާ ކަމަށް ވަންޏާ ފަހަރެއްގައި ހަމަ އެއްވަނައަށް ދިޔަ މީހާ އަށް ވޯޓު ނުލިބިދާނެ ހޮވެންވާވަރަށް އަޣުލަބިއްޔަތެއް ނުލިބިދާނެ. ދެވަނަ އަށްދާ މީހާ އަށް ވެސް ނުލިބިދާނެ. ތިން ވަނައަށް ދާ މީހާ އަށް ލިބިދާނެ. ލިބިއްޖެއްޔާ އެއްކަލަ 90 ޕަސެންޓާ 80 ޕަސެންޓް ލިބުނު މީހުން ކީއްވެގެންތޯ ގާބިލް ނުވީ. އެހެންވީމަ އެ ސުވާލު އެބަ އުފެދޭ،" އަނަސް ވިދާޅުވި އެވެ.
ހައިކޯޓަށް ކުރިމަތިލައްވާފައިވާ ފަނޑިޔާރުންނާ އިންޓަވިއު ކުރުން މިމަހުގެ 20 ވަނަ ދުވަހު ބާއްވާގޮތަށް ޖޭއެސްސީން ވަނީ ހަމަޖައްސާފަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން މަޒީދާއި އެ ކޯޓުގެ ގާޒީ އަބްދުﷲ ޖާމީލް މޫސާ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ އިތުރުން ހުޅުމާލޭ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ހަސަން އަލީ އެވެ.
އެބޭފުޅުންގެ ތެރެއިން އަބްދުﷲ ދީދީ އަކީ ޖޭއެސްސީގެ ކުރީގެ ނައިބު ރައީސް އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހިފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އަލީ ޖުވެނައިލް ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ.