04 Sep 2014, 23:45
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސ. ފޭދޫ އާއި ހއ. ހޯރަފުށީގައި ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަސާސީ ބޭންކިންގެ ހިދުމަތް ދިނުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޕީީއޯއެސްގެ ހިދުމަތްދޭން ފަށާފައި ވަނީ، އެ ދެ ރަށުގައި ހުންނަ އެސްޓީއޯ ފިހާރައިންނެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ދުވާލަކު 2000 ރުފިޔާ އާ ހަމައަށް ފައިސާ ނެގޭނެ ކަަމަށެވެ. އަދި ފައިސާ ނަގަންދާއިރު ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުގެ އިތުރުން އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އައްޑޫ ސިޓީގެ ތިން ރަށެއްގައި ބީއެމްއެލްގެ ތިން ބްރާންޗެއް ގާއިމްކޮށް ހިދުމަތް ދެމުންދާއިރު، އެ ސިޓީގައި ފަސް އޭޓީއެމް ބަހައްޓާފައިވެ އެވެ. އަދި ފޭދޫގައި އޭޓީއެމް އެއް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާ ކަމަށް އެ ބޭނުންކުން ބުންޏެވެ.