ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ޤާނޫނުގެ ދަށުން "ބޯޑް އޮފް އިންވެސްޓްމަންޓްސް" އުފައްދަވައި، އެ ބޯޑުގެ ޗެއާމަނަކަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އައްޔަން ކުރައްވައިފި އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެސްއީޒެޑް ބޯޑު ނުވަތަ ބޯޑް އޮފް އިންވެސްޓްމަންޓްސް ގެ ވައިސް ޗެއާމަނަކަށް ރައީސުލްހުމްހޫރިއްޔާ އައްޔަން ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

އެ ބޯޑުގައި ހިމެނޭ އަނެއް ތިން ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމުގެ އިތުރުން ޔޫތު މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލެވެ.

ރައީސް އޮފީހުން ބުނީ އެސްއީޒެޑްގެ ގާނޫނުގެ 56 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބޯޑު ޖަވާބުދާރީވާ މިނިސްޓަރަކީ އަދީބު ކަމަށެވެ. އެ ބޯޑުގެ ސެކްރެޓޭރިއެޓް ގާއިމް ކުރާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއެޓާ ގުޅިގެން ކަމުގައި ވެސް ރައީސް އޮފީހުން ބުންޏެވެ.