18 Jan 2011, 15:21
މިއަދު ހެނދުނު ސަން އައިލޭންޑް ރިސޯޓްގެ ފަޅުތެރެއަށް ސްނޯކްލިންއަށް ގޮސް އުޅުނު ޗައިނާގެ ފިރިހެނަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ރިސޯޓުގެ އުތުރު ފަރާތު ފަޅުތެރެއަށް ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ އުމުރުން 36 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ފެނިފައި ވަނީ މިއަދު މެންދުރު ފަހު 12:45 ހާކަންހާއިރު މަރުވެގެން އެ ރިސޯޓްގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އެހެން ޓޫރިސްޓުންތަކަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހަށިގަނޑު އެ ރިސޯޓްގެ ހެލްތު ސެންޓަރުގެ ޑޮކްޓަރު ބެއްލެވުމަށް ފަހު މަރުވެފައިވާކަން ވަނީ ކަށަވަރުކޮށްދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ސްނޯކްލިން އަށް ދިޔައީ އޭނާއާ އެކު ޗުއްޓީ ހޭދަކުރަން އެރިސޯޓަށް ގޮސް ތިބި އެހެން ޓޫރިސްޓުންތަކަކާ އެކު ކަމަށެވެ. އަދި އޭނާ އަށް ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ އާ އެކު ދިޔަ އެހެން ޓޫރިސްޓުން އެ ރިސޯޓްގެ ރިސެޕްޝަނަށް ރިޕޯޓްކޮށް އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.