އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުން ސ. ހިތަދޫ ސީސަންމާގެ، ޑރ. މުޙައްމަދު ޙަބީބު ވަކިކުރައްވައި، އޭނާއަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ.

ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ހަބީބަށް އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ދެއްވެވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ. އެ މަގާމުން ހަބީބު ވަކިކުރައްވައި އެ މަގާމު ދެއްވާފައި ވަނީ ބްރިގޭޑިއާ ޖެނަރަލް ފަރުހަތު ޝަހީރަށެވެ.

އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލު ހިންގަން ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވަނިން ބޯޑެއް އުފައްދަވާފަ އެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ގަވަނިން ބޯޑުގައި ހިމެނީ ފަރުހަތު ޝަހީރާއި ޑަބްލިޔު އެޗުއޯގެ ކުރީގެ އެސިސްޓެންޓް ރީޖަނަލް ޑައިރެކްޓަރު ޑރ. އަބްދުއްސައްތާރު ޔޫސުފާއި އައިޖީއެމްއެޗްގައި ކުރިން މަސައްކަތް ކުރައްވާފައިވާ ޑރ. އަބްދުލް އަޒީޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓްރީ ޔޫސުފް ރިޒާ އާއި ޕްލޭނިން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ، އައިޝަތު ސާދު އެވެ.